ދުނިޔޭގެ އެންމެ ބޮޑު 'އޯޕަންއެއާ' ޖަލުގެ ގޮތުގައި ސިފަކުރަމުން އަންނަ ޣައްޒާގައި ސިއްހީ ޚިދުމަތްދޭ ކުލިނިކެއްގެ ތެރޭގައި ދެ ދަނޑިގަނޑު ކައިރީގައި ބަހައްޓާލައިގެން އިނީ އުމުރުން އެންމެ 22 އަހަރުގެ ޒުވާނެއް ކަމަށްވާ އިމާދު ހަސަން ޚަލީފާއެވެ. އޭނާގެ ސިކުނޑީގައި ދައުރުވަމުންދިޔައީ، އަހަރު ދުވަހަށް ދެމިގެން ގޮސްފައިވާ 'ގްރޭޓް މާޗް އޮފް ރިޓާން'ގެ ނަމުގައި، ފަލަސްޠީނުގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް ކުރަމުންދާ ބޮޑު މުޒާހަރާއާއި އޭނާ ގުޅުނު ސަބަބެވެ.
"ހުރިހާ މުޒާހަރާއެއްގަ ބައިވެރިވިން. މުޒާހަރާތަކުގައި ބައިވެރިވާ މަޖުބޫރުކުރީ ދިރިއުޅުމާ އިގުތިސޯދީ ހާލަތު. އެތައް ޒުވާނުންނަކާއެކު މުޒާހަރާއަށް ނިކުތީ އެހާލުގައި އުޅެން ފޫހިވެގެން. މުޒާހަރާ ކުރަން ނިކުތީ ކޮންމެ ގޮތަކަށް ނަތީޖާ ނިކުތަސް ހެޔޮކަމަށް. ލައިވް ވަޒަންތައް އަމާޒުވީ އަހަރެންގެ ފަޔަށް" މިއަދު ޖިސްމާނީ ގޮތުން ނުކުޅެދޭ ޒުވާނެއްގެ ގޮތުގައި އިން އިމާދު ކިއާދިނެވެ.
އިސްރާއީލާ ޣައްޒާ ހިއްސާކުރާ ސަރަހައްދީ އިމުގައި ޖަހާފައިވާ ފެންސްތަކުގެ ކައިރީގައި ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ހުކުރު ދުވަހަކު ކުރަމުންދާ ބޮޑު މުޒާހަރާގެ ބައިވެރިއެއްގެ ގޮތުގައި ހުއްޓާ އިސްރާއީލުގެ ޝިކާރައަކަށް އިމާދުވީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަނިޔާ ލިބުމާއެކު އިތުރު ފަރުވާ ހޯދުމަށް އިމާދު މިސްރާބު ޖެހީ މިސްރަށެވެ. އަދި އޭނާއަށް ދިގު މުއްދަތަކަށް ފަރުވާ ބޭނުންވާ ކަމަށް މިސްރުގެ ޑޮކްޓަރުން އިމާދަށް އެނގިއެވެ.
އޮކްޓޯބަރު މަހު ލިބުނު ޒަހަމްތަކުގެ ޖެހި ފާރުގަނޑުތައް އަދިވެސް ނުހިކެއެވެ. ބޭސް ބަދަލުކުރުމަށާ ފިޒިއޯތެރަޕީ ހޯދުމަށް އިމާދު މިހާރު ދަނީ ހިލޭ އެހީދޭ ޑޮކްޓަރުންގެ ޖަމިއްޔާއެއް ކަމަށްވާ ޑޮކްޓާޒް ވިތައުޓް ބޯޑާޒް (އެމް.އެސް.އެފް)އިން ޣައްޒާގައި ހިންގަމުން އަންނަ ކުލިނަކަކަށެވެ.
"މި ކުލިނިކަކީ، އަހަރެން ކަހަލަ، އަނިޔާ ލިބިފައި ތިބި މީހުންގެ ފޯރަމެއް. އަހަރަމެން މިދަނީ އެކަކު އަނެކަކަށް ހިތްވަރުދެމުން. އެކަކު އަނެކެއްގެ ޒަހަމްތަކާ ވޭންތައް ހިއްސާކުރަމުން. އެކުގައި އުފާވެރި ވަގުތައްވެސް ހޭދަކުރަން. ބޭސްއަޅާ ނަންބަރު ޖެހެންދެން ހީސަމާސާކޮށް ޖޯކުޖަހާވެސް ހަދަން"، ކުލިނިކުގައި ވަގުތު ހޭދަކުރަމުންދާ ގޮތް ކިއާދެމުން އިމާދު ބުންޏެވެ.
'ގްރޭޓް މާޗް އޮފް ރިޓާން'ގެ ނަމުގައި ފަލަސްޠީނުގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް ބޮޑު މުޒާހަރާއަށް ނިކުތްތާ ހޮނިހިރު ދުވަހަށް ބަރާބަރު 1 އަހަރު ފުރުނީއެވެ. މުޒާހަރާތައް ފެށީ އާންމު ރައްޔިތުންގެ ހަރަކާތެއްގެ ގޮތުގައެވެ. 1948 ވަނަ އަހަރު އިސްރާއީލުން އަރާ ވެރިވެގަތް ބިންތައް އޭގެ ހައްގުވެރިންނަށް ގޮވާލުމަކީ މުޒާހަރާގެ ރޫހެވެ.
2018 ވަނަ އަހަރު މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސްހު، ބޯޑަރު ފެންސް ކައިރިއަށް މުޒާހަރާއަށް ދާމީހުންގެ ތެރެއިން ގިނަ ބަޔަކު ޝަހީދުވެ، ޒަހަމްވެއެވެ. އެތައް ސަތޭކަ ބަޔަކު ޝަހީދުވެފައިވާއިރު ޒަހަމްވީ މީހުންގެ އަދަދު ހާހުން ގުނާލެވެއެވެ.
އެމް.އެސް.އެފްއިން ބުނާ ގޮތުގައި ޣައްޒާ އޮތީ އެކަހެރި ކުރެވިފައެވެ. ފާއިތުވީ 12 މަސްދުވަހަށް ބަލާއިރު އިސްރާއީލުގެ ހަމަލާތަކުގެ ޝިކާރައަކަށްވެ ޒަހަމްވީ މީހުންގެ އަދަދު 6500އަށްވުރެ މައްޗަށް އަރާފައިވާއިރު، އެމީހެއްގެ ހާލައިގެން އެމީހަކު ދޫކޮށްލެވިފައިވާކަމަށް އެމް.އެސް.އެފްއިން ސިފަކުރެއެވެ. އެމް.އެސް.އެފްއިން ބުނާ ގޮތުގައި، އިސްރާއީލުގެ ހަމަލާގައި ޒަހަމްވީ މީހުންނަށް މުޅިންހެންވެސް އަނިޔާ ލިބިފައިވަނީ އެމީހުންގެ ފަޔަށެވެ.
"މިއީ އާދައިގެ ޒަހަމްތަކެއް ނޫން. އާދައިގެ ގޮތަކަށް ފަހާލައިގެން ފަސެހަ ކުރެވޭ ކަހަލަ ޒަހަމްތަކެއް ނޫން. ހަމަލާ އަމާޒުވެ، ފައިގެ މަސްގަނޑުން ބޮޑު ބައެއް އިރައިގެން ގޮސް، ޗިސްވެ، ނެއްޓިފައި ތިބި މީހުން އެބައުޅޭ. އަނެއް ބައި މީހުންގެ ފައިގެ ތެރެއަށް ކަށިތައް މުގުރިފައި ތިބި މީހުން އެބައުޅޭ"! އިސްރާއީލުގެ އުދުވާންތަކުގައި އަނިޔާ ލިބިފައިވާ މީހުންގެ ހާލަތު ބަޔާންކޮށް، އެމް.އެސް.އެފްއިން ކިއާދިނެވެ.
ކަންމިހެންއޮތްއިރު، މި އެންމަނަށް އެންމެ އެކަށީގެންވާ ފެންވަރުގައި ސިއްހީ ފަރުވާ ދެވޭނެ އެއްވެސް އިންތިޒާމެއް ޣައްޒާއަކު ނެތެވެ. ހިލޭ އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ލިބުނުކަމުގައި ވީނަމަވެސް ފޫ ނުބެދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ޣައްޒާ ދަނީ ތަހައްމަލު ކުރަމުންނެވެ. ސިއްހީ ހިދުމަތްތެރިން ތިބީ ވަރުބަލިވެފައެވެ. ނަމަވެސް، 1 އަހަރު ފުރުމާ ދިމާކޮށް ހިނގާފާނެ ހާދިސާއަކަށް އެންމެންވެސް ތިބީ ކުށްލި ހާލަތު އިއުލާން ކުރާ އުސޫލުން ތައްޔާރީ ހާލަތުގައެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ އޮޝަލުން ވިދާޅުވާ ގޮތުގައި ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އަމާޒުވި އިސްރާއީލުގެ އުދުވާންތަކުގައި ޣައްޒާގެ 250 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އަންހެނުންނާ ކުޑަކުދިން ހިމެނޭއިރު، މާބަނޑު އަންހެނުންނާއި އެމީހުންގެ ބަނޑުގައިވާ ތުއްތު ދަރިންވެސް ހިމެނެއެވެ.
ޣައްޒާގެ ދިރިތިބީންނަށް ބަލާއިރު، އާބާދީގެ %80 އަކީ އިންސާނީއެހީއަށް ބަރޯސާވެފައިވާ ބައެކެވެ. ކަރަންޓްގެ ހިދުމަތް ދާއިމީ ގޮތެއްގައި ނުލިބެއެވެ. ވަޒީފާއެއް ނުލިބެއެވެ. އާންމު ރައްޔިތުންތަކަކާ ދެކޮޅަށް އިސްރާއީލުން ބޭނުން ކުރަމުންދާ ޣައިރު ގާނޫނީ އަސްކަރީ ބާރާއެކު އެތައް އާއިލާއެއްގެ ނަސްލު މި ދުނިޔެއިން ނެތިދަނީއެވެ. ޣައްޒާއަކީ ދުނިޔޭގައި މިވަގުތު އޮތް، 'އޯޕަންއެއާ' ޖަލޭ ބުނެވެނީ މިފަދަ އެތައް ސަބަބަކާ ހެދިއެވެ. މިފަދަ ހާލެއްގައި އަބަދާ އަބަދު އުޅެން ފޫހިވާނެ ކިތަންމެ ބަޔަކު، އިމާދުގެ އިތުރުންވެސް ތިބޭނެއެވެ.