ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އޮފީސް އިމާރާތެއްގައި މިދިޔަ ބުރާސްފަތި ދުވަހު އަލިފާނުގެ ހާދިސާއެއް ހިނގާ ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވަނީ، އަލިފާނުގެ ހާދިސާ ހިނގި ވަގުތު، އިމާރާތުގެ އެމާޖެންސީ އެގްޒިޓްތައް ތަޅުލާފައި ހުރުމުން، އިމާރާތުން ނިކުމެވޭނެ އިތުރު ގޮތެއް ނެތުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު 25 އަށް އަރާފައިވާ 70އެއްހާ މީހުންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ. މަރުވި މީހުންގެ ތެރޭގައި، އަލިފާން ރޯވަމުންދިޔަ އިމާރާތުން ސަލާމަތްވުމަށްޓަކައި އިމާރާތުގެ މަތިން ބޭރަށް ފުންމާލި ހައެއްކަ މީހުންވެސް ހިމެނެއެވެ.
ޑާކާގެ ފަޔާ ޑިޕާޓްމަންޓްގެ އޮފިޝަލެއް ކަމަށްވާ ޝަޖާހާން ޝިކްދާރު ވިދާޅުވީ، އަލިފާން ނިއްވުމަށް ބޭނުންވާ އާލަތްތައްވެސް އިމާރާތްތަކުގެ ތެރޭގައި މަދުކަމަށެވެ.
ޑާކާގެ ވިޔަފާރި ހަބެއް ކަމަށްވާ ބަނާނީގައި ހުރި އޮފީސް އިމާރާތުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ހޯދިފައި ނުވާއިރު، ބަންގްލަދޭޝްގެ ސަރުކާރުންވަނީ މިހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް އަމުރެއް ނެރެފައެވެ.
އިމާރާތް ކުރުމުގެ ގާނޫނުތަކާއި މިންގަނޑުތަކާ ހިލާފަށް ގިނަ އިމާރާތްތަކެއް އަޅާފައިވާ ބަންގްލަދޭޝްގައި، މިފަދަ އަލިފާނުގެ ހާދިސާތައް ހިނގާ، ގިނަބައެއްގެ ފުރާނަ ގެއްލި، އަނެއް ބައެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދިއުމަކީ އާންމު ކަމެކެވެ.