އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެމްބަރުކަން ދޫކޮށްލުމާ ބެހޭ ގަރާރު (ބްރެގްޒިޓް) ތަންފީޒުކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރޭސާ މޭ ހުށަހަޅުއްވާފައިވާ އެއްބަސްވުން ބަލައިގެންނެވުމަށް، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަނެއްކާވެސް ދެކޮޅު ހައްދަވައިފިއެވެ.
އެއްބަސްވުން ފާސްކުރުމުގެ ފުރުސަތު މޭގެ ސަރުކާރަށް ގެއްލިފައިވަނީ 58 ވޯޓުގެ ފަރަގަކުންނެވެ. މީގެ މާނައަކީ، ބްރެގްޒިޓް ޑީލް ތަންފީޒުކުރުމަށް އިނގިރޭސިވިލާތަށް އެންމެ ފަހުން ދެވުން ސުންގަޑި ކަމަށްވާ މެއި މަހުގެ 22 ވަނަ ދުވަހަށްވެސް އެކަން ތަންފީޒު ކުރެވޭ ގޮތް ނުވުމެވެ.
ބޮޑުވަޒީރު މޭ ވިދާޅުވީ، ކުރިއަށްދިއުމަށް އިތުރު މަގެއް ހޯދަންޖެހިފައިވާކަމަށެވެ. އެހެންކަމުން ވިލާތުގެ އިއްތިހާދުގެ މަޖިލީހުގެ ތެރޭގައި ވޯޓަކަށް އެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އެއްބަސްވުމަކާއެކު އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލުމަށް މިހާރު ހަމަޖެހިފައި އޮތް ސުންގަޑިއަކީ އޭޕްރިލް 12 ވަނަ ދުވަހެވެ. އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ތާއީދު ބޮޑީ، އެއްބަސްވުމަކާ ނުލާ ވިލާތުގެ އިއްތިހާދު ދޫކޮށްލުމަށެވެ. އެހެންކަމަށްވާނަމަ އެއީ އިނގިރޭސިވިލާތުގެ ސަރުކާރަށް ކުރިމަތިވާ ބޮޑު ވެއްޓުމެކެވެ.
އިނގިރޭސިވިލާތާ ވިލާތުގެ އިއްތިހާޑުގެ ސިޔާސީ ތާވަލު ކުރިއަށް ރާވާފައިވާ ގޮތަށް ބަލާއިރު، އެއްބަސްވުމަކާއެކު ބްރެގްޒިޓް ތަންފީޒުކުރުމަށް ނަގާ އިތުރު ވޯޓެއް އޭޕްރިލް 1 ވަނަ ދުވަހާއި 3 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ނަގާނެއެވެ. އެވަރުންވެސް މައްސަލަ ކޮޅެއްގައި ނުޖެހިއްޖެނަމަ، އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލަންޖެހޭ ސުންގަޑި އިތުރު ކުރުމަށް ވިލާތުގެ އިއްތިހާދުގެ ލީޑަރުންގެ ކުށްލި ސަމިޓެއް އޭޕްރިލް 10 ވަނަ ދުވަހު ކުރިއަށް ގެންދަންޖެހޭނެއެވެ. އިނގިރޭސިވިލާތަށް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ނުވަތަ އިތުރު މުހުލަތެއް ދިނުމަށް ވިލާތުގެ އިއްތިހާދުގެ ލީޑަރުން ނުނިންމަވައިފިނަމަ ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން އިނގިރޭސިވިލާތަށް ގެއްލޭނެ ތާރީހެއް ކަމުގައި މިވަގުތު ހަމަޖެހިފައި އޮތީ އަންނަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުއެވެ.
ވިލާތުގެ އިއްތިހާދުގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުން ތާވަލު ކުރެވިފައި އޮތީ މެއި މަހުގެ 23 އިން 26 އަށެވެ.