ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުރި އުސް އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، މަރުވި މީހުންގެ އަދަދު 19 އަށް އަރައިފިއެވެ.
މި އިމާރާތަކީ އޮފީސް އިމާރާތެއް ކަމަށްވާއިރު 70 ވަރަކަށް މީހުން ހޮސްޕިޓަލުގައި އެޑްމިޓްވެސް ކުރެވިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މަރުވި މީހުންގެ ތެރޭގައި، އަލިފާންގަނޑުން ސަލާމަތްވުމަށްޓަކައި އިމާރާތުން ބޭރަށް ފައިބަން އުޅުމުގެ ތެރޭގައި ވެއްޓުނު މީހަކުވެސް ހިމެނެއެވެ.
ބަންގްލަދޭޝްގެ ސިވިލް ޑިފެންސް އެންޑް ފަޔާ ސާވިސްގެ ޑައިރެކްޓާ ދެބާޝީޝް ބަރުދާން ވިދާޅުވީ، އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.
ވިޔަފާރީގެ ހަރަކާތްތައް ގިނަ، ބައިބޯ ސަރަހައްދެއްގައި ހުންނަ އެފް.އާރް.ޓަވަރުގައި އަލިފާނުގެ ހާދިސާ ހިނގަމުންދިޔައިރު ފޭސްބުކް މެދުވެރިކޮށް މިމަންޒަރުތައް ވަނީ ލައިވްވެސް ކޮށްފައެވެ. އިމާރާތުގެ މަތީ ފަންގިފިލާތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތަށް އެދި ގޮވަމުންދިޔައިރު، އެމީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ތިރީގައި ތިބި މީހުން ދުއާކޮށް ހަދާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
އިމާރާތްކުރުމުގެ ގާނޫނަށް ބެލުމެއް ނެތި، ގިނަ އިމާރާތްތަކެއް އަޅަމުންދާ ބަންގްލަދޭޝްގައި މިފަދަ އަލިފާނުގެ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. އެގޮތުން މިދިޔަ މަހުވެސް، ބަންގްލަދޭޝްގެ 400 އަހަރުވީ ބައިބޯ ސަރަހައްދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 67 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.