ކައިވެނިކޮށްގެން ހުރި ހާލު އެ ކައިވެނިން ބޭރު މީހަކާއެކު ޒިނޭކޮށް އެ ކުށް ސާބިތުވާ މީހާ ރަޖަމުކޮށްގެން މެރުމަށް ބުރޫނާއިން ނިންމައިފިއެވެ.

ކައިވެންޏެއް ކުރުމަށްފަހު އެ ކައިވެނިން ބޭރުން ޒިނޭ ކުރާ މިހާގެ އިތުރުން، އެއް ޖިއްސުން ގުޅުން ހިންގާ މީހުން ރަޖަމުކޮށްގެން މެރުމަށް ބުރޫނާއީގައި ފާސްކުރި ގާނޫނު ތަންފީޒުކޮށް، އެ ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު ކަމަށް ޚަބަރު ލިބެއެވެ.

ބުރޫނާއީގެ ޕީނަލް ކޯޑަށް ގެނެވުނު އިސްލާހު ބުނާ ގޮތުގައި، ރަޖަމު ކޮށްގެން މީހުން މެރުމުގެ ހުކުމް ތަންފީޒުކުރަމުންދާނީ މުސްލިމުންގެ ޖަމާއަތެއްގެ ހާޒިރުގައެވެ.

ބުރޫނާއީގެ ޕީނަލް ކޯޑަށް ގެނައި އިސްލާހުތަކުގެ ތެރޭގައި، ވައްކަން ކުރާ މީހާގެ އަތް، އިސްލާމީ ޝަރީއާއާއި އެއްގޮތަށް ކަނޑަން ނިންމާފައިވާއިރު، އިންސާނީ ހައްގުތަކުގެ ނަމުގައި ވަކާލާތު ކުރަމުންދާ ޖަމިއްޔާތަކުން ދަނީ ބުރޫނާއީއާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ބުރޫނާއީއަކީ، އިސްލާމީ ޝަރީއާއާއި އެއްގޮތަށް ހުކުމް ތަންފީޒުކޮށް އަދަބު ދިނުމުގެ އުސޫލުތައް އޭޝިއާ ބައްރުން ތައާރަފުކޮށް، ބަލައިގެން ފުރަތަމަ ގައުމެވެ. އިސްލާމީ ޝަރީއާއާއި އެއްގޮތަށް ބުރޫނާއީގެ ޕީނަލް ކޯޑު އިސްލާހުކޮށް، އިސްލާމީ ޝަރީއާ ބަލައިގަތީ 2014 ވަނަ އަހަރުއެވެ. އެއަށްފަހު އިސްލާމީ ޝަރީއާގެ ހުކުމްތައް އޭގެ ގޮތުގައި ތަންފީޒު ކުރުމުގެ މަސައްކަތް އެ ގައުމުން ދަނީ މަޑުދުވެއްޔެއްގައި ކުރަމުންނެވެ.