ދުނިޔޭގެ އެންމެ ބޮޑު ސާޗް އިންޖިންގެ ގޮތުގައި ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ގޫގްލް އޮތީ ޗައިނާގެ އަސްކަރިއްޔާއާއިއެކުގައި ނޫންކަމަށާ، ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއާއިއެކުގައި ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ، ސިޔާސީ ހަމަހަމަކަން ގާއިމުކުރުމުގެ އިތުރުން ގޫގްލްގެ ފަރާތުން އެމެރިކާއަށް ކޮށްދެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން ގޫގްލްގެ ރައީސް އަދި ސީ.އީ.އޯ ސުންދަރު ޕިޗާއީއާއިއެކު މަޝްވަރާކުރެވިފައިވާކަމަށެވެ.
ކަންމިހެންއޮތްއިރު، ގޫގްލްއިން ދަނީ ޗައިނާއަށް "އެހީވަމުން" ކަމަށް ތުހުމަތުކުރައްވާ، ޓްރަމްޕް ވަނީ މީގެ ކުރިން ޓްވީޓެއް ކުރައްވާފައެވެ.
މީޑިއާއާއި ވާހަކަ ދައްކަމުން ގޫގްލްއިން ބުނީ އެމެރިކާގެ ރައީސްއާއިއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންދެވިފައިވާކަމަށާ، އެމެރިކާގެ ސަރުކާރާއެކުވެސް މަސައްކަތްތަކެއް ކުރިއަށްދާކަމަށެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވި ފަދަ ގުޅުންތަކެއް އެމެރިކާއާއި ގޫގްލްއާއި ދެމެދު އޮތްކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުމަށް ގޫގްލްއިންވަނީ އިންކާރުކޮށްފައެވެ.