ޖައްވުގައި ގާއިމުކޮށްފައިވާ އިންޑިއާގެ އަމިއްލަ ސެޓެލައިޓަކަށް އަމާޒުކޮށް ރޮކެޓެއް ފޮނުވާލައިގެން އެ ސެޓެލައިޓް ވައްޓާލުމުގެ ޓެސްޓު ކާމިޔާބު ކަމާއެކު ކޮށް ނިމާލައިފި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އިއުލާންކުރައްވައިފިއެވެ.

ޖައްވީ ފެންވަރުގައި ހިންގާ މިފަދަ މިޝަންތައް ކާމިޔާބު ކުރުމަކީ މަދު ގައުމަކަށް ނޫނީ ހާސިލުނުވާކަމަކަށްވާއިރު، އިންޑިއާއިން މިކަން ކޮށްފައިވަނީ ނިއުކްލިއާ ބާރުގެ ގޮތުގައި އޮތް ޒަމާންވީ ހަތުރު ކަމަށްވާ ޕާކިސްތާނާ، އޭޝިއާ ބައްރުގެ ބޮޑު ކޮންޓްރޯލެއް ނަގަމުން އަންނަ ޗައިނާއާއި ވާދަކުރުމުގެ ރޫހުގައެވެ.

އިންޑިއާއިން ކާމިޔާބު ކަމާއެކު ރޮކެޓެއް ލޯންޗުކޮށް ސެޓެލައިޓް ވައްޓާލާފައިވާކަން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ކަށަވަރުކޮށްދީފައިވާއިރު، އިންޑިއާގެ މި ކާމިޔާބު ޓެސްޓާއެކެ އެގައުމުން މިވަނީ އެމެރިކާ، ޗައިނާ އަދި ރަޝިޔާއާއި އެއް ރޭންކަކަށް ޖެހިލާފައެވެ.

ދުނިޔެއިން ބޭރުގައި ދަތުރުކުރަމުންދާ ސެޓެލައިޓަކަށް އަމާޒުކޮށް ރޮކެޓެއް ފޮނުވާލައިގެން އެ ވައްޓާލުމަކީ ފަސޭހަ ކަމެއް ނޫނެނެވެ. އިންޑިއާއިން ވައްޓާލި އެ ގައުމުގެ ސެޓެލައިޓް ދުނިޔެ ވަށާ ދަތުރުކުރަމުންދިޔައީ، ގަޑިއަކު ގާތްގަނޑަކަށް 17000 މޭލު ބާރު މިނުގައި ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.

މުރާސިލުން ސިފަކުރާ ގޮތުގައި އޭޝިއާގެ އެންމެ ވަރުގަދަ ދެ ބާރުގެ ގޮތުގައި އޮތް ވާދަވެރި އިންޑިއާއި ޗައިނާގެ ހަނގުރާމަ މިހާރު މިސްރާބު ޖަހާފައި މިވަނީ ޖައްވަށެވެ.

"މިޝަން ޝަކްތީ"ގެ ނަމުގައި ސެޓެލައިޓް ވައްޓާލުމުގެ މިޝަން ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ޑިފެންސް ރީސާޗް އެންޑް ޑެވަލޮޕްމަންޓް އޯގަނައިޒޭޝަން (ޑީ.އާރް.ޑީ.އޯ)އިންނެވެ. މިއީ އިންޑިއާ އަސްކަރިއްޔާގެ ދިރާސާއާއި ތަރައްގީއާއި ބެހޭ ގޮތްޕެވެ.