ހުޅުމާލޭގައި ސައިކަލާކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާ މީހަކާ ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގިކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:30 ގައެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުޅުމާލޭ އަސުރުމާ ހިނގުމާއި ޗަނބޭލީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިން ކަމަށެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލުގައި ތިބި މީހަކަށާއި ކުޑަކުއްޖަކަށެވެ.

އަނިޔާވެފައިވާ މީހާއަށާއި ކުޑަކުއްޖާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދެމުން ދާކަމަށް ފުލުހުން ބުނެއެވެ.

މި ފަހަކަށް އައިސް މާލޭގައި މިފަދަ އެކްސިޑެންޓްތައް އަންނަނީ އިތުރުވަމުންނެވެ. އެކްސިޑެންޓުގައި މީހުންނަށް ލިބޭ އަނިޔާ މަދުކުރުމުގެ ގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިނަމާލެ ބްރިޖާއި ހުޅުމާލެއަށް ދެވެން އޮންނަ ހައިވޭގައި ސައިކަލު ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު ސިނަމާލެ ބްރިޖުމަތިން ވަނީ އެކްސިޑެންޓެއް ހިނގާ ސައިކަލެއްގައި ދުއްވާފައި ދިޔަ ހެލްމެޓް އަޅައިގެން ހުރި މީހެއްގެ ބޯ ފަޅައިގެން ގޮސްފައެވެ.