މަސްދުވަސް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު ޕާކިސްތާނުގެ ވައިގެ ސަރަހައްދު ހުޅުވާ، ގައުމީ އެއާލައިންގެ ދަތުރުތައް ފަށައިފިއެވެ.

ޒަމާންވީ ހަތުރުގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން އިންތިހާއަށް ހީނަރުވެ، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ހާލަތަކަށް ކަންކަން ހިނގައިދާނެ ހެން ހީވެފައިވަނިކޮށް، ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދު ކުރުމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ނިންމާ، އެކަން އިއުލާންކުރީ ފެބުރުވަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު ޕުލްވާމާއަށް ދިން ހަމަލާއާއި ގުޅިގެން އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ހީނަރުވެ، ދެގައުމުގެ މެދުގައި ވަރުގަދަ ހަނގުރާމައެއް ފެށިދާނެ ކަމުގެ ނުތަނަވަސްކަމުގެ ތެރޭގައި ވަނިކޮށް އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުމުން، ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުންވަނީ އެ ބޯޓު ވައްޓާލާ، އެބޯޓުގައި އިން ކޮމާންޑަރު ހައްޔަރުކޮށްފައެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވަނީސް އެ ކޮމާންޑަރު މިނިވަންކޮށް، އިންޑިއާއާއި ހަވާލު ކުރި ނަމަވެސް، ފެބުރުވަރީ މަހުގެ 27 ވަނަ ދުވަހު ޕާކިސްތާނުގެ ވައިގެ ސަރަހައްދު، ހުރިހާ މަތިންދާބޯޓަކަށް ބަންދުކުރިއެވެ.

އިންޑިއާއާއި ޕާކިސްތާނުގެ މަސްރަހު ފިނިވެ، ހަމައަކަށް އެޅެމުންދާ ކަމުގެ އިޝާރާތްތަކެއް ލިބެމުންދަނިކޮށް ވައިގެ ސަރަހައްދު ހުޅުވާ، ވައިގެ އުދުހުންތައް އާންމު ޝެޑިއުލާ އެއްގޮތަށް މިހާރު ވަނީ ފަށާފައެވެ.