ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސޫރިޔާގެ އެތައް ހާސް ރައްޔިތުންނެއް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ދެކޮޅަށް ބޮޑު މުޒާހަރާއަށް ނިކުމެއްޖެއެވެ.
ޓްރަމްޕާ ދެކޮޅަށް ސޫރިޔާގެ ރައްޔިތުން މުޒާހަރާއަށް ނިކުމެފައިވަނީ، ސޫރިޔާގެ މިލްކިއްޔާތުގެ ދަށުގައި ވަނިކޮށް އިސްރާއީލުން ފޭރިގެންފައިވާ ގޯލަން ހައިޓްސް ނުވަތަ ޖައުލާންގެ އުސްބިންތަކަކީ އިސްރާއީލުގެ މިލްކެއް ކަމަށް ބަލައިގަންނަވާކަން ޓްރަމްޕް ހާމަކުރެއްވުމާ ގުޅިގެންނެވެ.
ޓްރަމްޕްގެ މި ނިންމެވުމާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވުންތަކެއް އުފެދިފައިވާއިރު، ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންވަނީ، އެކަމާ ދެކޮޅަށް ތެދުވުމަށް ގޮވާލާފައެވެ.
"ވަރުގަދަ އިޖާބައެއް ދިނުމަށް" ސޫރިޔާގެ އިންފޮމޭޝަން މިނިސްޓަރުވެސް ގޮވާލައްވާފައިވާއިރު، އެތައް ހާސް އަންހެނުންނަކާ ފިރިހެނުންނެއް ވަނީ ސޫރިޔާގެ މަގުތަކަށް ނިކުމެފައެވެ. މުޒާހަރާގެ ބައިވެރިން ވަކާލާތު ކުރަމުންދަނީ ސޫރިޔާއާއި ފަލަސްޠީނުގެ ހައްގުތަކަށެވެ.
އިސްރާއީލުން ޖައުލާންގެ އުސްބިންތަކަށް ވެރިވެގަތީ 1967 ވަނަ އަހަރުގެ ހަނގުރާމައަށް ފަހުގައެވެ. އަދި އެއީ އިސްރާއީލުގެ މިލްކެއް ކަމަށް ބައިނަލްއަގުވާމީ އެއްވެސް ފަރާތަކުން ބަލައިގެންފައި ނުވާއިރު، އެއީ އިސްރާއީލުގެ ހައްގެއް ކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުމާއެކު އެމެރިކާ ވެގެން ގޮސްފައިވަނީ ޖައުލާންގެ އުސްބިންތަކުގެ މިލްކިއްޔާތު އިސްރާއީލަށް ދޫކޮށްލި ފުރަތަމަ ގައުމުކަމުގައެވެ.
ކަންމިހެންއޮތްއިރު، ވިލާތުގެ ބައެއް ބާރުތަކުން ވަނީ ޖައުލާންގެ އުސްބިންތަކުގެ މިލްކިއްޔާތު އިސްރާއީލަށް ލިބިގެންވާކަމަށް އެ ގައުމުތަކުން ގަބޫލު ނުކުރާ ކަމަށް ބުނެ، ގުޅިފައިވާ ބަޔާނެއްވެސް އާންމުކޮށްފައެވެ.