ޔަމަނުގެ ހުޅަނގު އުތުރު ސަރަހައްދުގައި ހުންނަ ހޮސްޕިޓަލެއްގެ ކައިރިއަށް ވައިގެ މަގުން ދިން ހަމަލާގައި 7 މީހުން މަރާލައިފިއެވެ.
މަރާލި މީހުންގެ ތެރޭގައި 4 ކުޑަކުއްޖަކުވެސް ހިމެނޭއިރު، ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ސޭވް ދަ ޗިލްޑްރަންއިންވަނީ މިހަމަލާ ކުށްވެރިކޮށްފައެވެ.
ޔަމަނުގެ ހޮސްޕިޓަލަށް ފަންޑުކުރަމުންދާ ސޭވް ދަ ޗިލްޑްރަންއިން ބުނީ، ހޮސްޕިޓަލަށް ވަންނަ ދޮރާ ދާދިކައިރީގައި ހުންނަ ޕެޓްރޯލް ޝެޑަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއަށްފަހު 2 މީހަކަށް ވީނުވީއެއް އަދިވެސް ނޭނގޭ ކަމަށެވެ.
މިސައިލް ހަމަލާ ދިން ވަގުތަކީ ދޮޅުގަޑިއިރެއްހާއިރަށް ހޮސްޕިޓަލު ހުޅުވާލި ވަގުތު ކަމުން، އެ ވަގުތަކީ ގިނަ އަދަދެއްގެ ބަލިމީހުންނާ މުވައްޒަފުން ހޮސްޕިޓަލަށް ވަންނަމުންދިޔަ ވަގުތު ކަމަށް ޚަބަރު ލިބެއެވެ.
މަރުވި މީހުންގެ ތެރޭގައި ހެލްތް ވޯކަރަކާ އޭނާގެ 2 ދަރިންވެސް ހިމެނެއެވެ.
ސޭވް ދަ ޗިލްޑްރަންއިން ބުނީ ޔަމަނުގައި މިދިޔަ އަހަރު ދިން ހަމަލާތަކަށް ބަލާއިރު މަހެއްގެ މައްޗަށް 35 ކުއްޖެއްގެ ފުރާނަ ގެއްލި ނުވަތަ ފުރާނައަށް ނުރައްކާވެފައިވާކަމަށެވެ. އަދި މިސައިލް ހަމަލާ ދެމުންދާ މައްސަލައަކީ ތަހުގީގު ކުރެވެންޖެހޭނެ މައްސަލައެއް ކަމަށްވެސް ސޭވް ދަ ޗިލްޑްރަންއިން ވަނީ ބުނެފައެވެ.
ސޭވް ދަ ޗިލްޑްރަންއިންވަނީ ޔަމަނުގައި ހަމަލާތައް ދެމުންދާ ހުރިހާ ފަރާތްތަކެއް ކުށްވެރިކޮށްފައެވެ. ޔަމަނުގައި ހަނގުރާމަ ކުރަމުންދަނީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހޫތީންނާ، ސަރުކާރަށް ތާއީދުކުރާ އަސްކަރިއްޔާއެވެ. ސައުދީ އިސްވެ އޮވެ އެކުލަވާލާފައިވާ ބައިނަލްއަގުވާމީ އަސްކަރީ ކޯލިޝަނުން ހަނގުރާމަ ކުރަމުންދަނީ ހޫތީންނާ ދެކޮޅަށް، ޔަމަނުގެ ސަރުކާރަށް އެއްބާރުލުންދޭ ޔަމަނުގެ އަސްކަރިއްޔާއާއިއެކުގައެވެ.
ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ހިތްދަތި އަދި އެންމެ ނުރައްކާތެރި އިންސާނީ ކާރިސާ އުފެދިފައި އޮތީ ޔަމަނުގައި ކަމަށް އދިން ވަނީ ބުނެފައެވެ.