ނިއުޒީލަންޑްގެ ކްރިސްޓްޗާޗުގެ 2 މިސްކިތަކަށް އަމާޒުކޮށް މާޗް 15 ވަނަ ދުވަހު އޮސްޓްރޭލިއާގެ ޓެރަރިސްޓަކު ދިން ބަޑީގެ ހަމަލާތަކުގައި މަރުވި އިންޑިއާގެ ދަރިވަރު އަންސީ އަލީބާވާގެ ހަށިގަނޑާ އޭނާގެ އާއިލާއިން ހަވާލުވެއްޖެއެވެ.

އުމުރުން އެންމެ 25 އަހަރުގައި މި ދުނިޔެ ދޫކޮށްދިޔަ އަންސީގެ އާއިލާއިން ސިފަކުރާ ގޮތުގައި އޭނާއަކީ މުޅި ދިރިއުޅުން ތައުލީމު ހާސިލުކުރުމަށް ހުސްކޮށްލައިގެން ހުރި ޒުވާނެކެވެ.

ކޯޗިން އެއާޕޯޓަށް އާންސީގެ ހަށިގަނޑު ގެނެސްފައިވަނީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

ކެރެލާގެ މެދުފަންތީގެ އާއިލާއަކަށް އުފަންވި އަންސީއަކީ، ސައުދީ އަރަބިއްޔާގެ މަސައްކަތްކުރަމުންދިޔަ އޭނާގެ ބައްޕަ، މީގެ 5 އަހަރެއްހާ ދުވަސްކުރިން މިދުނިޔެއާއި ވަކިވެގެން ދިއުމުން އެ އާއިލާ ބެލެހެއްޓުމުގެ ޒިންމާ ނަގައިގެން ހުރި ޒުވާނެއްވެސްމެއެވެ.

ކްރިސްޓްޗާޗުގެ ލިންކަން ޔުނިވާސިޓީގައި ބިޒްނަސް އެގްރިކަލްޗާގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރަމުންދިޔަ އަންސީ ވަނީ އޭނާގެ ތައުލީމު ފުރިހަމަ ކުރުމަށްޓަކައި އެތައް ހާސް ޑޮލަރެއްގެ ލޯނުތަކެއްވެސް ނަގާފައެވެ.

އިސްލާމް ދީނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ފަތުރަމުންދިޔަ އޮސްޓްރޭލިއާގެ ޓެރަރިސްޓްގެ ބަޑީގެ ހަމަލާގެ ޝިކާރައަކަށްވެ، އަންސީ މި ދުނިޔެއާއި ވަކިވެގެންދިޔައިރު އޭނާގެ ކޯސް ނިމުމަށް ހަމަޖެހިފައި އޮތީ އަންނަ އޭޕްރިލްމަހުއެވެ. އެއަށްފަހު 6 މަސްދުވަހުގެ އިންޓާންޝިޕެއް ނިއުޒީލަންޑްގައި ފުރިހަމަ ކުރުމަށްފަހު އަމިއްލަ ގައުމަށް އެނބުރި އައުމަށް އަންސީ ތާވަލުކޮށްފައި އޮތީ މިއަހަރުގެ ޑިސެމްބަރު މަހުއެވެ.

އަންސީ އަލީބަވާ މަރުވެފައިވަނީ އަލް ނޫރު މިސްކިތުގައި އޭނާގެ ފިރިމީހާ އަބްދުލް ނަޒީރުއާއިއެކު ނަމާދަށް ހުއްޓާއެވެ. ދެމީހުން ނަމާދަށް ތިބީ މިސްކިތުގެ ދެ ފަޅިއެއްގައެވެ. ބަޑީގެ ހަމަލާތައް ދޭން ފެށުމާއިއެކު އެމާޖެންސީ އެގްޒިޓުން ފިރިމީހާއަށް ބޭރަށް ނިކުމެ، ސަލާމަތްވެވުނު ނަމަވެސް އަންސީއަކަށް އެ ފުރުސަތެއް ނުލިބުނެވެ. ބަޑީގެ ހަމަލާތައް ހުއްޓުމުން، މިސްކިތް ތެރެއަށް ވަދެ އޭނާގެ އަންހެނުން ހޯދަން ކުރި މަސައްކަތުން ނަޒީރަށް ފެނުނީ އޭނާގެ އަނބިމީހާ އެއްވެސް ހަރަކާތެއް ނެތި އަނގަވަތަށް ވެއްޓިފައި އޮއްވައެވެ. އަންސީ މަރުވި ޚަބަރު ރަސްމީކޮށް ނަޒީރަށް ލިބުނީ އޭގެ 24 ގަޑިއިރު ފަހުންނެވެ.

ކްރިސްޓްޗާޗް ހަމަލާގައި މަރުވި އިންޑިއާގެ އިތުރު މީހެއްގެ ހަށިގަނޑު، މި ހަފުތާގެ ތެރޭގައި އެގައުމަށް ގެންނާނެ ކަމަށް ޚަބަރު ލިބެއެވެ.