ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލައާއި ގުޅިގެން މަގާމުން ދުރުކުރި ޝާހީ އާއިލާގެ މުޝީރު ސައުދު އަލް ޤަހުތާނީ އާއި ދެކޮޅަށް، ޚަޝޯގީގެ މަރުގެ ދައުވާ އުފުލާފައި ނުވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ޚަޝޯގީގެ މަރާ ގުޅިގެން ސައުދީއިން 11 މީހެއްގެ މައްޗަށް ސިއްރު ޝަރީއަތްތަކެއް ހިންގާއިރު، މި 11 މީހުންގެ ތެރޭގައި ޤަހުތާނީ ނުހިމެނޭކަމަށް، ކަމާ ގުޅޭ މައުލޫމާތު ލިބިފައިވާ މަސްދަރަކާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

ސައުދީގެ ޝާހީ އާއިލާއަށާ ސަރުކާރަށް ފާޑުކިއުންތައް އަމާޒުކޮށް ހުޅަނގުގެ މީޑިއާގައި ލިޔުންތައް ޝާއިއުކުރަމުންދިޔަ ޖަމާލް ޚަޝޯގީ މަރާލަން އޯޑަރު ކުރި ފަރާތްތަކާ، މަރާލުމުގެ އަމަލު ހިންގުމުގައި ސީދާ ގޮތުން ބައިވެރިވި މީހުން ހިމެނޭ ގޮތަށް ސައުދީ ޕަބްލިކް ޕްރޮސެކިއުޓާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދައުވާ ކުރަން ފަށާފައިވާކަމަށާ، އޭގެ ތެރެއިން 5 މީހެއްގެ މަރުގެ ހުކުމް އިއްވަން މަސައްކަތްކުރާ ކަމުގެ ޚަބަރު ފިޔަވާ އިތުރު އެއްވެސް މައުލޫމާތެއް ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހު ދުރާލާ ރާވަގައިގެން ޚަޝޯގީ މަރާލާފައިވަނީ ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް)ގެ އޯޑަރަކަށް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ (ސީ.އައި.އޭ)އާއި ހުޅަނގުގެ ބައެއް ބާރުތަކުން ނިންމާފައިވާއިރު، ސައުދީގެ އޮފިޝަލުން ދަނީ މި ތުހުމަތަށް އިންކާރު ކުރަމުންނެވެ.

މަގާމުން ދުރުކުރެވުމާ ހަމައަށް ސައުދު އަލް ޤަހުތާނީ މަސައްކަތްކޮށްފައިވަނީ އެމް.ބީ.އެސްގެ އަރިސް މުޝީރެއްގެ ގޮތުގައެވެ. ޤަހުތާނީއާއި ދެކޮޅަށް އެމެރިކާއިންވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ތަހުގީގުތަކާ ބެހޭ މައުލޫމާތު ލިބިފައިވާ 7 މަސްދަރަކާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާގޮތުގައި، ޚަޝޯގީގެ މަރާ ގުޅިގެން ޖަނަވަރީ މަހުން ފެށިގެން 4 ކޯޓު އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވީ ނަމަވެސް، މިއިން އެއްވެސް ސެޝަނަކަށް ޤަހުތާނީ ހާޒިރުކޮށްފައެއް ނުވެއެވެ.

ޚަޝޯގީ މަރާލުމަށް އޯޑަރު ދީ، އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ބުރިބުރި ކުރުމަށް އެކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މަތީ ފެންވަރުގެ ތަޖުރިބާކާރު ޓީމަށް ސްކައިޕް މެދުވެރިކޮށް އިރުޝާދު ދެމުންދިޔައީ ގަހުތާނީ ކަމަށް ޖާސޫސީ މަސްދަރުތަކުން ދަނީ ބުނަމުންނެވެ. މީގެ އިތުރުން ޚަޝޯގީ އަނބުރާ ސައުދީ އަރަބިއްޔާއަށް ގެނައުމަށް އިރުޝާދު ދިން އަޙުމަދު އަލް އާސިރީއާއި ޤަހުތާނީ ދެމެދު ގުޅުންތަކެއް އޮތް ކަމަށް ސައުދީގެ ޕަބްލިކް ޕްރޮސެކިއުޓަރުވެސް މީގެ ކުރިންވަނީ ހާމަކުރައްވާފައެވެ. އާސިރީއާ ދެކޮޅަށް ކޯޓުގައި ދައުވާ ކުރަމުންދާކަން 7 މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި އިހާނެތި ގޮތަކަށް މަރާލާފައިވާ ތަޖުރިބާކާރު ނޫސްވެރިޔާ ޖަމާލް ޚަޝޯގީ/ފޮޓޯ: ގެޓީއިމޭޖަޒް

މަސްދަރުތަކާއި ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި، ޚަޝޯގީގެ މަރާ ގުޅިގެން ކޯޓަށް ހާޒިރު ކުރަމުންދާ ފަރާތްތަކުން ދަނީ އެމީހުން ޚަޝޯގީ މަރާލަން ބޭނުން ނުވާ ކަމަށާ، ކުރިހާވެސް ކަމަކީ އައި އޯޑަރުތަކަކަށް އަމަލުކުރުން ކަމަށް ބުނަމުންނެވެ.

ޚަޝޯގީގެ މަރާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ތަހުގީގު ފަށާފައިވީނަމަވެސް، މި ތަހުގީގަށް ސައުދީ އަރަބިއްޔާއިން އެއްވެސް ވަރަކަށް އެއްބާރުލުން ދީފައެއް ނުވެއެވެ.

ވަރިކައިވެނީގެ ލިޔެކިއުންތަކެއް ހަމަޖެއްސުމަށް ކޮންސިއުލޭޓަށް ވަތްތަނުން ޚަޝޯގީ މަރާލާފައިވާއިރު، އަދާ ޖެހެންދެންވެސް އޭނާގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ.