2014 ވަނަ އަހަރު ތައިލޭންޑަށް ގެނައި އަސްކަރީ ބަޣާވާތަށްފަހު އެގައުމުގައި ފުރަތަމަ ފަހަރަށް އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގައި، އަސްކަރިޔާއަށް ތާއީދުކުރާ ސިޔާސީ ޕާޓީއަކުން ހައިރާން ކުރުވަނިވި ކުރިއެރުމެއް ހޯދައިފިއެވެ.

ވޯޓުގެ 90 އިންސައްތަ ގުނާ ނިމިފައިވާއިރު، ޕަލާންގް ޕްރާޗާ ރާތު ޕާޓީއިން ވަނީ 7.6 މިލިއަން ވޯޓު ކަށަވަރުކޮށްފައެވެ. މިއީ އިދިކޮޅޫ "ފޯ ތައީޒް" ޕާޓީއަށްވުރެ ބައި މިލިއަން ވޯޓު އިތުރު އަދަދެކެވެ.

"ފޯ ތައީޒް" ޕާޓީއަކީ ތައިލޭންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސީން ޝިނަވަޓްރާއާ ގުޅުން އޮންނަ ޕާޓީއެކެވެ. 2001 ވަނަ އަހަރަށްފަހު ތައިލޭންޑުގައި މިހާތަނަށް ކުރިއަށްގެންދިޔަ ހުރިހާ އިންތިހާބެއްގައި ކުރި ހޯދަމުންއައިސްފައިވަނީވެސް ޝިނަވަޓްރާއަށް އެއްބާރުލުންދޭ ފަރާތްތަކުންނެވެ.

ތައިލޭންޑްގެ އާންމު އިންތިހާބުގެ ރަސްމީ ނަތީޖާ ހޯމަ ދުވަހުގެ ވަގުތެއްގައި އިއުލާންކުރާއިރު، އަސްކަރިއްޔާއަށް ތާއީދުކުރާ ޕަލާންގް ޕްރާޗާ ރާތު ޕާޓީއިން ތައިލޭންޑްގެ އާ ސަރުކާރު އެކުލަވާލާނީ މިހާރުގެ ބޮޑުވަޒީރު ޖެނެރަލް ޕްރާޔޫތު ޗާން-އޯޗާގެ ލީޑާޝިޕުގެ ދަށުން ކަމަށް ބެލެވެއެވެ. ޝާން-އޯޝާއަކީ ޔިންގްލަކް ޝިނަވަޓްރާގެ ވެރިކަން ވައްޓާލުމަށް 2014 ވަނަ ކުރި އަސްކަރީ ބަޣާވާތުގައި އިސްކޮށް އުޅުނު ފަރާތެވެ.

ތައިލޭންޑްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ 50 މިލިއަން މީހުން ތިބި ނަމަވެސް އާދީއްތަ ދުވަހު ވޯޓުލާފައިވަނީ މީގެ 64 އިންސައްތަ މީހުން ކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.