އެމެރިކާގެ "ރިޔާސީ ރޭސް 2016" ކާމިޔާބު ކުރެއްވުމަށްޓަކައި މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ކެމްޕެއިންއިން ރަޝިއާގެ ނުފޫޒު ބޭނުންކޮށްފައި ނުވާކަމަށް ސްޕެޝަލް ކައުންސެލް ރޮބާޓް މުލާ ތަހުގީގުކުރައްވާ އެމެރިކާގެ ކޮންގްރެސްއަށް ހުށަހެޅުއްވި ރިޕޯޓްގެ ހުލާސާ ބުނެފިއެވެ.

ޣައިރު ގާނޫނީ ބާރުތަކެއް ބޭނުންކުރައްވައިގެން، ޓްރަމްޕް، އިންސާފަށް ހުރަސް އަޅުއްވާފައިވާކަމަށް ރިޕޯޓްގެ އެއްވެސް ހިސާބަކުން ނިންމާފައި ނުވާއިރު، މިސަބަބަށްޓަކައި އެމެރިކާގެ ރިޔާސަތުން ޓްރަމްޕް އަޒުލުކުރުމަށް އޮތް ފުރުސަތުވެސް ވަނީ ގެއްލިފައެވެ.

މުލާ ތައްޔާރުކުރެއްވި ތަހުގީގީ ރިޕޯޓް، އެމެރިކާގެ ކޮންގްރެސްއަށް ހުލާސާކޮށްދެއްވާފައިވަނީ އެމެރިކާގެ ދައުލަތުގެ ބަންޑާރަ ނައިބު ވިލިއަމް ބާ އެވެ.

ރިޕޯޓްގެ ވާހަކަތައް އާންމު ކުރުމާއިއެކު ޓްރަމްޕްވަނީ ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން "ނާޖާއިޒު ނުފޫޒެއް ބައިވެރިކުރައްވާފައި ނުވާނެ ކަމަށާ، އެއްވެސް ކަމަކަށް ހުރަހެއް ކުރިމަތިކުރައްވާފައި ނުވާނެކަމަށް" އެ ޓްވީޓުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ޓްރަމްޕްގެ ކެމްޕެއިންއިން ރަޝިޔާގެ ބާރުގެ ނާޖާއިޒު ފައިދާ ނަގާފައިވާކަމަށް ކުރެވުނު ތުހުމަތުތަކުގެ ތަހުގީގު ކުރިއަށްދިޔައިރު ޓްރަމްޕް ވަނީ އެ ތަހުގީގުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ތަހުގީގަކީ ޣައިރު ގާނޫނީ ގޮތެއްގައި ޓްރަމްޕްގެ ބާރު ކަނޑުވާލުމަށް ހިންގާ ފެއިލްވެފައިވާ ތަހުގީގެއް ކަމުގައިވެސް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.

2 އަހަރު ދުވަހުގެ މުއްދަތަށް ތަހުގީގު ކުރިއަށް ގެންދިޔައިރު، ޓްރަމްޕްގެ އަރިސް ގިނަ ބޭފުޅުންތަކަކާއި ދެކޮޅަށް ދައުވާ އުފުލުނުތަން ވަނީ ފެނިގެންގޮސްފައެވެ. ބައެއް ފަރާތްތަކާ ދެކޮޅަށް ޝަރީއަތް ހިންގާފައިވާއިރު، އަނެއްބައި ބޭފުޅުންގެ މައްޗަށް ވަނީ ޖަލު ހުކުމް އިއްވާފައެވެ.

މުލާގެ ރިޕޯޓް ހުލާސާކުރައްވާ ބާ ލިޔުއްވި ސިޓީފުޅުގައި ބުނެފައިވަނީ، އެމެރިކާގެ އެއްވެސް ރައްޔިތަކު އަދި ޓްރަމްޕްގެ ކެމްޕެއިން ޓީމުގައި ހިމެނިވަޑައިގެންނެވި އެއްވެސް ފަރާތަކުން ރަޝިޔާގެ ނުފޫޒެއް ބޭނުންކުރައްވާފައި ނުވާކަމަށެވެ. އަދި އަދުލު އިންސާފުގެ ނުފޫޒު ފޯރުވާ އިންސާފަށް ހުރަސް އެޅުއްވި ކަމުގެ އަމަލެއް ޓްރަމްޕް ހިންގެވިކަމަށް ބާރުދޭ އެއްވެސް ހެއްކެއް ތަހުގީގަށް ސާބިތުކުރެވިފައިނުވާކަމަށްވެސް ބާގެ ސިޓީފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ކަންމިހެންއޮތްނަމަވެސް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ލީޑަރުން އަދިވެސް ގެންދަވަނީ މިކަން ގަބޫލުކުރެއްވުމަށް އިންކާރު ކުރައްވަމުންނެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސާ ނޭންސީ ޕެލޯސީއާއި ސެނެޓްގެ ޑިމޮކްރަޓިކް ލީޑަރު ޗަކް ޝޫމާ ވަނީ މުލާ ތައްޔާރު ކުރެއްވި މުޅި ރިޕޯޓް ލިބޭނެ ގޮތް ހައްދަވާ ދެއްވުމަށް ގޮވާލައްވާފައެވެ.