ޕާކިސްތާނާ މެދު އިންޑިއާއިން ދެކެނީ ވަކިވެފައިވާ މިނިވަން ދެގައުމުގެ ގޮތުގައި ޕާކިސްތާނާއި އިންޑިއާ ދެބައިވުމުގެ ކުރީގެ ނަޒަރުން ކަމުގައިވަނީނަމަ އެއީ ހެދޭ ބޮޑު ގޯހެއް ކަމަށް ޕާކިސްތާނުގެ ރައީސް އާރިފު އާލްވީ ވިދާޅުވެއްޖެއެވެ.

ސުލްހަ ބޭނުންވެގެން އެކަމަށް އެދި ހުށަހެޅުމަކީ ބަލިކަށިވުން ކަމުގައި ދެކިގެން ނުވާނެ ކަމަށްވެސް ޕާކިސްތާނުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުގެ ރައީސް މިފަދަ މޭރުމަކުން ވާހަކުފުޅު ދައްކަވާފައި މިވަނީ، މުސްލިމުންނަށް ވަކި ގައުމެއްގެ ގޮތުގައި ޕާކިސްތާނު އުފެއްދުމަށް 1940 ވަނަ އަހަރު އޯލް އިންޑީއާ މުސްލިމު ލީގުން ފާސްކުރި ގަރާރު ތަންފީޒު ކުރުމާއި ދިމާކޮށް ކޮންމެ އަހަރަކުވެސް ޕާކިސްތާނުގައި ފާހަގަކުރަމުން އަންނަ އެގައުމުގެ ގައުމީ ދުވަހުގެ ޝަރަފުގައި ކުރިއަށްދިޔަ އަސްކަރީ ހެވިކަމުގެ ކުޅިވަރާއި ދިމާކުރައްވައެވެ.

ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން ފާޅުކުރަމުންދާ ހަސަދަވެރިކަމާ ކުރިމަތިލުމުގެ ޒިންމާއެއް ޕާކިސްތާނުގެ ކޮނޑުގައިވެސް އެޅިފައިވާކަމަށާ، ނަމަވެސް ޕާކިސްތާނުން އެކަމާ ކުރިމަތިލަނީ މާ ފުރިހަމަ ސްޓްރެޓަޖީއެއްގެ ދަށުން ކަމަށްވެސް ރައީސް އާލްވީ ވަނީ ވިދާޅުވެފައެވެ.

ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނާއި ދެމެދު ހަމަ ދެންމެ ދެންމެ ވަރުގަދަ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވާ ދަރަޖައަށް މައްސަލަ ގޯސްވެފައިވަނީ، ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްވާމާގައި، ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާގައި އިންޑިއާގެ 40 އަށްވުރެ ގިނަ ޕެރާމިލިޓްރީ ފުލުހުންގެ ފުރާނަ ގެއްލިދިހަ ހާދިސާއާއި ގުޅިގެންނެވެ. މި ހަމަލާ ދީފައިވަނީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖާއިޝީ މުޙައްމަދަށް ނިސްބަތްވާ ހަނގުރާމަވެރިއެއް ކަމަށްވާއިރު، މި ކަމުގައި ޕާކިސްތާނުގެ އަތެއް ނު ވާކަމަށް ޕާކިސްތާނުގެ ސަރުކާރުން ދަނީ ބުނަމުންނެވެ.