އެމެރިކާގެ ރިޔާސީ އިންތިހާބު 2016 ކާމިޔާބު ކުރެއްވި ޑޮނާލްޑް ޓްރަމްޕްގެ ކެމްޕޭނާއި ރަޝިޔާއާ ދެމެދު ގުޅުންތަކެއް އޮތްކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނިންމާ، ރިޕޯޓް ހުށަހަޅައިފިއެވެ.

ސްޕެޝަލް ކައުންސެލް ރޮބާޓް މުލާ ތައްޔާރުކުރައްވާ ހުށަހެޅުއްވި ރިޕޯޓް މިހާރު އޮތީ އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިއަމް ބާގެ އަތްޕުޅުގައެވެ. މި ރިޕޯޓް ދިރާސާކުރައްވާ، ހުލާސާ ކުރެއްވުމަށްފަހު އެމެރިކާގެ ކޮންގްރެސްއާ ހިއްސާކުރައްވާނީ ކިހާ މައުލޫމާތެއްކަން ކަނޑައަޅުއްވާނީވެސް އެޓާނީ ޖެނެރަލްއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވީ، އިތުރު ބައެއްގެ މައްޗަށް މި ރިޕޯޓްގައި ތުހުމަތުތަކެއް ފެންމަތިކޮށްފައި ނުވާ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައާއި ގުޅިގެން، ޓްރަމްޕްގެ އަރިސް ހަ މީހެއްގެ އިތުރުން ރަޝިޔާގެ ގިނަ ބަޔަކާ ދެކޮޅަށް މުލާ ވަނީ ދައުވާ އުފުއްލަވާފައެވެ.

އެޓާނީ ޖެނެރަލް ބާ ވިދާޅުވީ، ރިޕޯޓުން މައިގަނޑު ގޮތެއްގައި ފާހަގަކުރެވޭ ކަންކަން ހަފުތާ ބަންދުގެ ތެރޭގައި ކޮންގްރެސްގެ ލީޑަރުންނާއި ހިއްސާކުރެއްވޭވަރު ވާނެ ކަމަށެވެ.

ޓްރަމްޕްގެ އިތުރުން ރިޕަބްލިކަންސްއަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ މި ތަހުގީގުތަކާއި ދެކޮޅަށް ފާޅުގައި ތަކުރާރުކޮށް ވާހަކަ ދައްކާފައެވެ.