އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ފަރާތްޕުޅުން މެސެޖެއް ލިބިވަޑައިގެންފައި ވާކަމަށް ވިދާޅުވެ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ޓްވީޓެއް ކުރައްވައިފިއެވެ.

ޕާކިސްތާނުގެ ގައުމީ ދުވަހުގެ ހެޔޮ އެދުންތައް ޕާކިސްތާނުގެ ރައްޔިތުންނަށް ފޮނުއްވާ ކަމަށާ، މި ވަގުތަކީ ޓެރަރިޒަމްއާއި ހަމަނުޖެހުންތަކުން ސަލާމަތްވެފައިވާ ވެއްޓެއްގައި ޑިމޮކްރަސީއާއި ސުލްހަ ކުރިއަރުވާ، ސަރަހައްދީ ކުރިއެރުމަށް މަސައްކަތްކުރަންވީ ވަގުތު ކަމަށް މޯދީގެ މެސެޖުގައި ފާހަގަކުރައްވާފައި ވާކަމަށް އިމްރާންގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

މިފަދަ މޭރުމަކުން އިމްރާން ހާން ޓްވީޓް ކުރައްވާފައިވާ މި ދަނޑިވަޅަކީ، ޕާކިސްތާނުގެ ގައުމީ ދުވަސް ފާހަގަކުރުމަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށް ގެންދިޔަ އިވެންޓް އިންޑިއާއިން ބޮއިކޮޓްކޮށް، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދިޔަ އިވެންޓުގައިވެސް ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ޕާކިސްތާނުގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ވިދާޅުވި ދަނޑިވަޅުގައެވެ.

އިތުރު ޓްވީޓެއް ކުރައްވަމުން އިމްރާން ވިދާޅުވީ، މޯދީގެ މެސެޖަށް ޕާކިސްތާނުން މަރުހަބާ ކިއާ ކަމަށެވެ. ޕާކިސްތާނުގެ ގައުމީ ދުވަހުގެ އިހުތިފާލުތައް ބާއްވަމުންދާ ދަނޑިވަޅަކީ، އިންޑިއާއާއިއެކު ބިނާ ކުރަނިވި މަޝްވަރާތަކެއް ފަށަން އެންމެ އެކަށީގެންވާ ވަގުތު ކަމުގައިވެސް އިމްރާން ވަނީ ވިދާޅުވެފައެވެ. ވަކިން ހާއްސަކޮށް ކަޝްމީރުގެ މައްސަލަ ހައްލުކޮށް، ދެގައުމުގެ ރައްޔިތުންގެ ސުލްހައާއި ކުރިއެރުމަށްޓަކައި އާ ގުޅުމެއް ބަދަހިކުރަންވެސް އެންމެ އެކަށީގެންވާ ވަގުތުކަކީ އެއީކަންވެސް ޕާކިސްތާނުގެ ބޮޑުވަޒީރުގެ ޓްވީޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު މިފަދަ މޭރުމަކުން ޓްވީޓް ކުރައްވާފައިވާ މި ވަގުތަކީ، އިންޑިއާއާއި ޕާކިސްތާނުގެ ސަރަހައްދީ އިމުގައި ނުރައްކާތެރި ހަނގުރާމައެއް ހަމަ ދެންމެދެންމެ ފެށިދާނެ ކަމުގެ ބިރު އިންތިހާއަށް ބޮޑުވެފައިވާ ވަގުތެކެވެ.

ދާދިފަހުން ފަހުން ހަނގުރާމަ ފައްޓަވަން "ނާބަ ޖައްސަވަމުން" ގެންދެވި މޯދީގެ މިފަދަ މެސެޖަކީ ރޫހީ ތާޒާކަން ގެނެސްދޭ މެސެޖެއް ކަމަށް މުރާސިލުންބުނެއެވެ.

ކަންމިހެންއޮތްއިރު، އިންޑިއާއާއިއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދަން އެންމެ އެކަށީގެންވަނީ އެގައުމުގައި ކުރިއަށް އޮތް އާންމު އިންތިހާބު ނިންމާ، އާ ސަރުކާރު އެކުލަވާލެވުމުން ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މީގެ ކުރިން ގެންދެވީ ވިދާޅުވަމުންނެވެ.