އިސްރާއީލުން ވެރިވެގެންފައިވާ ޖައުލާންގެ އުސްބިންތައް ނުވަތަ ގޯލަން ހައިޓްސްގެ މިލްކުވެރިކަން އަނބުރާ ހޯދާނެ ކަމަށް ސޫރިޔާގެ ސަރުކާރުން ވައުދުވެއްޖެއެވެ.

ސޫރިޔާގެ ސަރުކާރުން މިފަދަ ރޫހެއްގައި ވާހަކަ ދައްކާފައި މިވަނީ އިސްރާއީލުން ހިފައިގެން އުޅޭ ޖައުލާންގެ އުސްބިންތަކުގެ ސަރަހައްދުގެ ހައްގުވެރިންނަކީ އިސްރާއީލު ކަމަށް އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމްޕް ވިދާޅުވެފައިވަނިކޮށެވެ. ޓްރަމްޕް މިކަން ހާމަކުރެއްވުމާއިއެކު، ސޫރިޔާގެ ސަރުކާރަށް އެއްބާރުލުންދޭ ގިނަ ބަޔަކު ވަނީ ޓްރަމްޕްގެ ވާހަކަފުޅު ކުށްވެރިކޮށްފައެވެ.

އިސްރާއީލުން ޖައުލާންގެ އުސްބިންތައް ފޭރިގަތީ 1967 ވަނަ އަހަރުގެ މެދުއިރުމަތީ ހަނގުރާމައިގެ ތެރޭގައެވެ. އަދި އެއީ އިސްރާއީލުގެ ބައެއް ކަމުގައި އިސްރާއީލުން ކަނޑައެޅި 1981 ވަނަ އަހަރުއެވެ. ނަމަވެސް ބައިނަލްއަގުވާމީ ފެންވަރުގައި މިނިންމުން ބަލައިގެންފައެއް ނުވެއެވެ.

ޖައުލާންގެ އުސްބިންތަކުގެ މިލްކުވެރިންނަކީ އިސްރާއީލު ކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުމަކީ މެދުއިރުމަތީގައި އިތުރު ހަމަނުޖެހުންގަނޑެއްގެ ހުޅުފަޅައިގެންދާން ތައްޔާރުވެފައިވަނިކޮށް ޖެއްސެވި އިތުރު ދަރުގަނޑެއް ކަމުގައި މުރާސިލުން ސިފަކުރެއެވެ.