ޖައްމުއާއި ކަޝްމީރުގެ މިނިވަންކަމަށް ވަކާލާތު ކުރަމުންދާ ޖައްމު އެންޑް ކަޝްމީރު ލިބަރޭޝަން ފްރަންޓް(ޖޭކޭއެލްއެފް)ގެ މަސައްކަތްތަކަށް އިންޑިއާ ސަރުކާރުން ހުރަސްއަޅާ، އެ ޖަމިއްޔާ ހިންގުން މަނާކޮށްފިއެވެ.

މިޖަމިއްޔާ ހިންގުން މަނާކޮށްފައިވަނީ، އެއީ ހައްދުފަހަނައަޅާދިއުމާއި ހަނގުރާމަވެރިކަމަށް ހިތްވަރުދީ ތަރުހީބު ދެމުންދާ ޖަމިއްޔާއެއް ކަމަށް ބުނުމަށް ފަހުގައެވެ.

މިއީ ފަހުގެ ތާރީހެއްގައި އިންޑިއާ ސަރުކާރުން މިފަދަ ކަމެއް ކުރި ދެވަނަ ފަހަރެވެ.

އިންޑިއާގެ ދާހިލީ ވުޒާރާއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖޭ.ކޭ.އެލް.އެފް ޖަމިއްޔާއަކީ އިންޑިއާގެ ގައުމީ ވަންތަކަމާއި ދެކޮޅަށް ހަރަކާތްތ ހިންގާ، ސަރަހައްދީ ނަޒާހާތްތެރިކަމާ އިންޑިއާގެ އިސްތިގުލާލާ ތޮޅުމުގެ ނިޔަތުގައި ހަރަކާތްތެރިވަމުންދާ ޖަމިއްޔާއެއް ކަމަށެވެ.

ޖޭ.ކޭ.އެލް.އެފްއިން މަސައްކަތްކުރަމުންދަނީ އިންޑިއާގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިމުގެ ސަރަހައްދުން ބައެއް ވަކިކޮށްލުމަށްކަމަށާ، އެޖަމާއަތަކީ މި މަގުސަދު ހާސިލުކުރުމަށްޓަކައި ވަކިވެގަތުމަށް މަސައްކަތްކުރާ ގުރޫޕުތަކާއި ޓެރަރިސްޓުންނަށް އެއްބާރުލުންދޭ ޖަމިއްޔާއެއް ކަމަށްވެސް އިންޑިއާގެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ.

ޖޭ.ކޭ.އެލް.އެފްގެ ހަރަކާތްތައް 5 އަހަރު ދުވަހުގެ މުއްދަތަކަށް ހުއްޓުވާފައިވަނީ އިންޑިއާގެ އެންޓި-ޓެރަރިޒަމް ގާނޫނުގެ ދަށުންނެވެ.

ކަންމިހެންއޮތްއިރު އިންޑިއާއިންވަނީ މި ޖަމާއަތުގެ ލީޑަރު ޔާސީން މަލިކުވެސް ހައްޔަރުކޮށްފައެވެ. ފެބުރުވަރީ މަހު ހައްޔަރުކުރި ޔާސީން މަލިކްގެ މައްޗަށް މާޗް 8 ވަނަ ދުވަހު ޕަބްލިކް ސޭފްޓީ އެކްޓްގެ ދަށުން ދައުވާ އުފުލާފައިވާއިރު، މި ގަވައިދަކީ، ކަފާލާތުގެ ދަށުން މިނިވަންނުކުރެވޭ ގޮތަށް 2 އަހަރު ދުވަހުގެ މުއްދަތަށް މީހަކު ބަންދުގައި ބަހައްޓަން ބާރުދޭ ގަރާރެކެވެ.