ދިގުލާ ގޮސްފައިވާ ހަނގުރާމައެއް ކުރަމުންދާ ސޫރިޔާގެ އެއްވެސް ހިސާބެއްގައި މިހާރު، ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތުގެ ކުޑަނަމަވެސް ކޮންޓްރޯލެއް ނޯންނާނެ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފައިވާކަމަށް ވައިޓްހައުސްގެ ތަރުޖަމާނު ސޭރާ ސޭންޑާޒް ވިދާޅުވެއްޖެއެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ވެސް އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމްޕަށް އަރުވާފައިވާ ކަމަށާ، ޓްރަމްޕަށް މި މައުލޫމާތު ފޯރުކޮށްދެއްވީ އެމެރިކާގެ ވަގުތީ ދިފާއީ ވަޒީރު ޕެޓްރިކް ޝެނަހާން ކަމަށް ވެސް ސޭރާ ވަނީ ވިދާޅުވެފައެވެ.

ސޭރާ އިތުރަށް ވިދާޅުވީ ސޫރިޔާގައި ގާއިމުކުރެވުނު ކަމަށް އައިސިސްއިން އިއުލާންކުރި "ޚިލާފާތު" މުޅިން ނެތިކޮށްލެވިފައިވާކަމަށާ، ސޫރިޔާގެ އެއްވެސް ހިސާބެއްގައި މިހާރު އައިސިސްގެ ކޮންޓްރޯލެއް ނޯންނާނެ ކަމަށެވެ. އެގޮތުން އައިސިސްގެ ކިބައިން ސޫރިޔާ މިހާރު އޮތީ ސައްތަ އިންސައްތަ މިނިވަންވެފައި ކަމަށްވެސް ސޭރާ ވަނީ އިޝާރާތް ކުރައްވާފައެވެ.

އެމެރިކާގެ އެއްބާރުލުމާއިއެކު ސޫރިޔާގައި ހަރަކާތްތެރިވަމުންދާ ސީރިއަން ޑިމޮކްރަޓިކް ފޯސަސް (އެސް.ޑީ.އެފް)އިން އަދި މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އައިސިސްގެ ބާރުން ބާކީ އޮތް ބައެއްވެސް ނެތިކޮށްލުމުގެ އަމާޒުގައި ހުކުރު ދުވަހުވެސް ވަރުގަދަ ކުރިމަތިލުންތަކެއް ހިންގިކަން، އެސް.ޑީ.އެފްގެ މީޑިއާ އޮފީހުގެ އިސްވެރިޔާ މުސްތޮފާ ބާލީ ވަނީ ފާހަގަކޮށްފައެވެ.

ސޫރިޔާއާއި އިރާގު ހިއްސާކުރާ ސަރަހައްދީ އިމާ ދާދި ކައިރީގައި އޮންނަ ބާޣޫޒް ސަރަހައްދުގައި އޮތް އައިސިސްގެ ހަމައެކަނި ކޮންޓްރޯލް ނައްތާލުމަށް ފާއިތުވީ ހަފުތާތަކުގައި އެސް.ޑީ.އެފްއިންވަނީ ހަމަލާތައް ބަދަލުކޮށްފައެވެ.

އައިސިސްގެ ކޮންޓްރޯލުން ސޫރިޔާ މިނިވަން ކުރެވުނު ނަމަވެސް، އައިސިސް ޖަމާއަތް އަދި ނެތިކޮށްލެވިފައި ނުވާކަމަށް މުރާސިލުން ބުނެއެވެ. މީގެ އިތުރުން ސޫރިޔާގައި އުފެދިފައި އޮތް ހަގީގީ ސިޔާސީ މައްސަލައަށްވެސް އަދި ވަނީ ހައްލެއް ނުލިބިއެވެ.