ކަމެއް ހާސިލް ކުރަން ކުރާ ހޭދަ އަކީ ރިޝްވަތު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނީ ކަމެއް ހާސިލް ކުރަން ބޭނުންވެފައިވާ މީހާ އެކަމެއް ހާސިލް ކުރުމަށްޓަކައި ކުރާ ހޭދައަކީ ރިޝްވަތުކަމަށެވެ. މިފަދަ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވުމަށް އެންމެހާ އަހުންނަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެ ވަސިއްޔަތް ކޮށްފައެވެ.

"ހަލާލުގޮތުގައި އާމްދަނީ ހޯދަން މަސައްކަތް ކުރާށެވެ. އަދި ލިބޭ އާމްދަނީ މަދުވެގެން އެ އާމްދަނީ އިތުރު ކުރުމަށްޓަކައި އެއްވެސް މީހަކު ހަރާމް ގޮތެއް އިހްތިޔާރު ނުކުރާށެވެ. ހަރާމް އެއްޗެއް ކައިގެން ހަށިގަނޑު ހެދި ބޮޑުވުމަކީ އިލާހީ ކޯފާ އެ ހަށިގަނޑަށް ވާޖިބުވާނެ ކަމެކެވެ." މިއަދުގެ ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ހުތުބާގައި "ލިބޭ އާމްދަނީ މަދުވީމާ ހަލާލު ނޫން ގޮތުގައި ރިޒުގު ހޯދުމަށް ޝައިތާނާ މަގުދައްކާނެ ކަމަށާ ނަފްސު ވެސް އެކަމަށް އެއްބަސް ވެދާނެ. ނަމަވެސް މުސްލިމުން މިފަދަ ހާލަތެއްގައި ބަލަން ޖެހޭނީ އިސްލާމްދީން ދީފައިވާ އިރުޝާދަކީ ކޮބާތޯ. އެއްވެސް ކަމެއް ކުރުމުގެ ކުރިން ދީނުގައި އެކަމެއް އައިސްފައިވާގޮތް ބެލުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް" ކަމުގައެވެ.