ގަޑިން މެންދުރުން އަނބުރާ 01:30 ވީއެވެ. ނިއުޒީލަންޑްގެ ކްރިސްޓްޗާޗުގައި ދިރިއުޅޭ މުސްލިމު ފިރިހެނުން ހުކުރު ނަމާދުގެ އަޅުކަން ފެށިއެވެ. މީގެ ހަފުތާއެއް ކުރިއެވެ. ހަމަ މިގޮތަށް މުސްލިމުން ހުކުރު ނަމާދަށް ތިއްބާ، ބަޑިހިފައިގެން ހުރި މީހަކު އަލް ނޫރު މިސްކިތަށް ވަދެ 42 މީހުން މަރާލިއެވެ. އަދި ކާރަށް އަރައިގެން ދުއްވާފައި ގޮސް ލިންވުޑް އެވެނިއު މިސްކިތުން 8 މީހުން މަރާލިއެވެ.

ހަފުތާއެއް ފަހަވެ. މާޗު 22 ވީ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް، ނިއުޒީލަންޑްގެ މުސްލިމު ފިރިހެނުން ތައްޔާރުވެ ސަފުތަކުގައި އެތުރުނުއިރު އެމީހުންގެ ފަހަތުގައި އޮތީ މުޅި ނިއުޒީލަންޑްއެވެ. އަލް ނޫރު މިސްކިތުގެ ކުރިމަތިން ކަހަލަ ގޮތަކަށް އޮންނަ ހެގްލޭ ޕާކު ސަރަހައްދުގައި ނަމާދު ކުރިއަށްދިޔައިރު ގިނަ އަދަދެއްގެ ބަޔަކު ޖަމާވެ ތިބީ ހުކުރު ނަމާދު ބަންގީގެ އަޑު އަހާށެވެ. ހަމަ ހިމޭން ކަމާއެކުގައެވެ. ނިއުޒީލަންޑްގެ ގައުމީ ޓީވީއާއި ރޭޑިއިއިންވެސް ދިޔައީ ހުކުރު ނަމާދު ވަގުތު ބްރޯޑްކާސްޓް ކުރަމުންނެވެ.

ދުލާ ގަލަމުންވެސް ބަޔާން ކޮށްދޭން ދަތި ނަމާންކަމާއި ހިތްދަތިކަމެއް ވެރިކުރުވި މާޗް 15 ވަނަ ދުވަހުގެ ހަނދާނުގައި ނިއުޒީލަންޑްގައި ވަނީ ހަމަހިމޭން ކަމުގެ 2 މިނެޓްގެ ސުކޫތެއްވެސް ގެނެސްފައެވެ.

އަލް ނޫރު މިސްކިތުގައި ހުކުރު ނަމާދު ކުރަމުންދިޔައިރު، ގިނަ އަދަދެއްގެ އަންހެނުންވެސް އެސަރަހައްދަށް ވަނީ ޖަމާވެފައެވެ. މުސްލިމުންގެ ހައްގުގައި މުޅި ނިއުޒީލަންޑްހެން އޮތީ ނިކުމެއެވެ. ނޫސްވެރިންނާ، ނަރުހުންނާއި ކިޔަވާ ކުދިންގެ އިތުރުން ފުލުސް އޮފިސަރުންވެސް މަގުތަކަށް ނިކުތެވެ. އެންމެ ކުރީގައި ހުންނެވީ، ބޮޑުވަޒީރު ޖެސީންޑާ އެޑާންއެވެ. ބޮޑުވަޒީރުވެސް ހިމެނޭ ގޮތަށް ހުރިހާ އެންމެން ތިބީ ބޮލާއި އިސްތަށިގަނޑު ނިވާވެސް ކޮށްގެންނެވެ. ނިއުޒީލަންޑްގެ ހުރިހާ އަންހެނުންހެން މިއަދު ބުރުގާ އަޅައިގެން އުޅުމަށް ނިންމީ، ނިއުޒީލަންޑްގައި ދިރިއުޅޭ މުސްލިމު އަންހެނަކު ބުރުގާ އަޅައިގެން މަގުމައްޗަށް ނިކުމެއްޖެނަމަ ޓެރަރިސްޓުންގެ ރާޑަރަށް އޭނާ އަރާނެ ކަމަށް ބިރުގަތް ހިސާބުންނެވެ.

ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި، ހުކުރު ނަމާދުގެ ކުރިން ގެނެވުނު ހަމަ ހިމޭންކަމުގެ ސުކޫތު ފެށުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ނިއުޒީލަންޑްގެ ބޮޑުވަޒީރު ވަނީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްގެ ހަދީޘް ބަސްފުޅެއްވެސް ތަކުރާރު ކުރައްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުއްމަތަށް އިރުޝާދު ދެއްވާފައި ވަނީ މުސްލިމުންނަކީ، އެކަކު އަނެކަކަށް އެހީތެރިވެ، އެކަކު އަނެކަކަށް ރަޙުމް ކޮށް އެކަކު އަނެކެއްގެ ހިތާމައާއި އުފަލުގައި ބައިވެރިވުމުގައި އެއްހަށިގަނޑެއްގެ މިސާލު ކަމުގައެވެ. ޖެސީންޑާ އެޑާންގެ ވާހަކަފުޅުގައި މިހަދީސްގެ މުރާދު ވަނީ ބޭނުންކުރައްވާފައެވެ.

އަލް ނޫރު މިސްކިތުގެ އިމާމް ޖަމާލް ފައޫދާ ވަނީ ނިއުޒީލަންޑްގެ ހުރިހާ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. "ސުންޕާ" ފިކުރެއްގައި ތިބެގެން ޓެރަރިސްޓު މީހާ ބޭނުންވާ ގައުމު ބައިބައި ކޮށްލުމަށް ކަމަށާ، ނަމަވެސް އޭގެ ބަދަލުގައި ނިއުޒީލަންޑް ދައްކުވާދިނީ އެއީ ހަލާކު ކޮށްލެވޭނެ ގައުމެއް ނޫންކަން ކަމަށްވެސް އިމާމް ޖަމާލް ވަނީ ފާހަގަ ކުރައްވާފައެވެ. ހަލާކުވީ ހިތް ކަމަށާ، މީހުން ތިބީ އަދިވެސް އެގޮތުގައި ވަރުގަދަކޮށް ކަމަށް އިމާމު ވިދާޅުވިއެވެ. އެންމެންގެ މެދުގައި ދިރުމާއި ގުޅުން އެބައޮތް ކަމަށާ، އެއްވެސް ގޮތަކުން ބައިބައިވެ ނުދިއުމުގެ އަޒުމުގައި މުޅި ގައުމު ދެމި އޮތް ކަމަށްވެސް އިމާމް ޖަމާލް ވަނީ ފާހަގަކުރައްވާފައެވެ.

މިދިޔަ ހުކުރު ދުވަހު ހަމަލާއަކީ ނިއުޒީލަންޑްގެ ތާރީހުގައިވެސް އެގައުމުގައި ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއެވެ. މި ހަމަލާ ދީފައިވަނީ ނިއުޒީލަންޑަށް އެތެރެވި އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ، އުމުރުން 28 އަހަރުގެ ބްރެންޓޮން ޓެރަންޓް ނަމަކަށް ކިއާ މީހެކެވެ. އިސްލާމުންނާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ތަކުރާރުކޮށް ވާހަކަދައްކަމުން ދިޔަ ޓެރަންޓް ވަނީ އަލް ނޫރު މިސްކިތާއި ލިންވުޑް އެވެނިއު މިސްކިތުގައި އޭނާ ބަޑިން ހަމަލާ ދެމުން ދިޔަ މަންޒަރުތައް ފޭސްބުކް ލައިވް މެދުވެރިކޮށް މުޅި ދުނިޔެއަށް ފެންނާނެހެން ވަގުތުން ދުރަށް ދައްކާފައެވެ. ގަސްތުގައި މީހުން މެރިކަމުގެ ކުށުގެ ދައުވާ ޓެރަންޓްގެ މައްޗަށް އުފުލާފައިވާއިރު، މިވަގުތު ކަމާ ބެހޭ ފަރާތްތަކުގެ ހައްޔަރުގައި ހުރި ޓެރަންޓްއާއި ދެކޮޅަށް ކުރާ ސަރިޔަތުގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އޭޕްރިލް މަހުގެ 5 ވަނަ ދުވަހުއެވެ.