އިރާގުގެ މޫސަލް ސިޓީގައި އޮންނަ ތިގްރީޒް ކޯރުގައި ދަތުރުކުރަމުންދިޔަ ފެރީއެއް އަޑިއަށް ގޮސް 94 މީހުން މަރުވެއްޖެއެވެ.

200އެއްހާ މީހުން ދަތުރުކުރަމުންދިޔަ ފެރީ އަޑިއަށް ދިޔަ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް އިރާގުގެ ދާހިލީ ވުޒާރާއިން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި 19 ކުޑަކުދިންނާއި 61 އަންހެނަކު ހިމެނެއެވެ.

އަޑިއަށްދިޔަ ފެރީއަކީ ފަތުރުވެރިން ޒިޔާރަތްކުރާ ރަށަކަށް ދަތުރުކުރަމުންދިޔަ ފެރީއެކެވެ.

މޫސަލްގެ މަދަނީ ދިފާއާއި ބެހޭ އިދާރާއިން ބުނާ ގޮތުގައި، ފެރީގައި ތިބި ގިނަ މީހުންނަކީ ފަތަންވެސް ނޭނގޭ މީހުންނެވެ. ނަމަވެސް 55 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ.

އޮއެބާރު މި ކޯރުގައި އެހާ ފަސޭހައިން ފެރީ އަޑިއަށް ދިއުމުގެ ކުރިން ކަނާތް ފަރާތަށް އެ ފެރީ ފުރޮޅާލި ކަމަށާއި، އެއަށްފަހު ފެރީ ބަންޑުންޖެހި ފެންގަނޑުގެ ތެރެއަށް ޣަރަގުވެގެންދިޔަ ކަމަށް ވީޑިއޯއިން ފެނެއެވެ.

މިހާދިސާއިން ސަލާމަތްވި މީހަކު މީޑިއާއާއި ވާހަކަ ދައްކަމުން ބުނީ، ފެރީއަށް މާ ގިނައިން ފަސެންޖަރުން އަރުވާފައިވާކަމަށާ، ފެރީއަށް ފަސޭހައިން ފެން އަރާ، ބަންޑުން ޖަހާލާ އަޑިއަށް ދިޔައީ އެހެންވެ ކަމަށެވެ.

ތިގްރީޒް ކޯރަށް ވާގޮތަށް މޫސަލްއިން އަޅާފައިވާ ޑޭމްތައް ހުޅުވާފައި އޮތުމުގެ ސަބަބުން ކޯރުގެ ފެންގަނޑު ބޮޑުވެފައިވާކަމުގެ އިންޒާރު ކަމާ ބެހޭ ފަރާތްކުން މީގެ ކުރިން ދީފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މިހާދިސާއާއި ގުޅިގެން، ފެރީ އޮޕަރޭޓް ކުރި ކުންފުނީގެ 9 މީހަކު ހައްޔަރު ކުރުމަށް އިރާގުގެ އަދުލު އިންސާފާ ބެހޭ ވުޒާރާއިންވަނީ އަމުރުކޮށްފައެވެ. އަދި ފެރީގެ އޯނަރުންނާއި، ފަތުރުވެރިންގެ ރަށުން މިކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް އިރާގުން ފުރައިގެން ނުދެވޭ ގޮތަށްވެސް މިހާރު ވަނީ ހަދާފައެވެ.