ޗައިނާގެ އިރުމަތީ ސަރަހައްދުގައި ހުރި ކެމިކަލް ޕްލާންޓެއްގައި ބާރުގަދަ ގޮވުމެއް ގޮވާ، 44 މީހުން މަރުވެ 90އެއްހާ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ގަސް ކަނާ އުފައްދާ ކާރުހާނާގައި ބާރުގަދަ ގޮވުމެއް ގޮވާފައިވަނީ އެ ކާރުހާނާގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާގެ ބިންހެލުންތަކާއި ބެހޭ އިދާރާގެ ރެކޯޑްތައް ދައްކާ ގޮތުން، މި ބާރުގަދަ ގޮވުމާއިއެކު ރިކްޓާ މިންގަނޑުން 2.2 މެގްނިޓިއުޑްގެ ލޮޅުމެއްވެސް ބިންގަނޑަށް ވަނީ އަރާފައެވެ.

މިހާދިސާއާއި ގުޅިގެން 600 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާއިރު ކްރިޓިކަލް ހާލުގައި އޮތީ 32 މީހެކެވެ. މީގެ އިތުރުން، 58 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ޗައިނާގެ ޚަބަރުތައް ބުނެއެވެ.

ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކާރުހާނާތަކާއި މަސައްކަތު ޕްލާންޓްތަކުގައި ސަލާމަތީ ފިޔަވަޅުތައް އޮންނަނީ ދަށް ފެންވަރެއްގައި ކަމުން، މިފަދަ ހާދިސާތައް ހިނގުމަކީ ޗައިނާގައި އާންމުކަމެކެވެ. ނަމަވެސް މިއީ ފަހުގެ ތާރީހެއްގައި ޗައިނާގެ ކާރުހާނާއެއްގައި ހިނގި މަފަދަ ހާދިސާއެއްގައި މިހާ ގިނަ އަދަކަށް މީހުން މަރުވި ފުރަތަމަ ފަހަރެވެ.

ކަމާ ބެހޭ ފަރާތްތަކުން ދަނީ ހާދިސާ ހިނގަން މެދުވެރި ސަބަބެއް ތަހުގީގު ކުރަމުންނެވެ.