އިންސާފާއި ހަމަހަމަކަން ގާއިމުކުރުމަށްޓަކައި މިވަގުތު މުހިންމީ އިގުތިސޯދަށް ސަމާލުކަން ދިނުން ކަމަށް، ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކުރެއްވުމަށް ސިޔާސީ މައިދާނަށް އަލުން ނިކުންނަވާފައިވާ މެލޭޝިއާގެ ސިޔާސީ ޝަހްސު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަންވަރު ވިދާޅުވީ، ފަގީރުންނާއި އެކަހެރިކޮށް އެއްފަރާތް ކުރެވިފައިވާ މީހުންނާއި މެދު އިގުތިސޯދީ ނަޒަރަކުން ވިސްނުން މުހިންމު ކަމަށެވެ.

ސިޔާސީ ހަތުރުންގެ ގޮތުގައި ކުރިން ތިއްބެވި އަންވަރާއި މިހާރުގެ ބޮޑުވަޒީރު ޑރ މަހާތީރު މުޙައްމަދު، މެލޭޝިއާގެ ކުރީގެ ސަރުކާރު ވައްޓާލުމަށް އެއްގަލަކަށް އެރި ސަބަބު ބަޔާންކޮށްދެއްވަމުން އަންވަރު ވިދާޅުވީ، ޑރ. މަހާތީރާއި އަންވަރުގެ ހިޔާލު އެއްގޮތްވި އެންމެ ބޮޑު މައްސަލައަކީ މެލޭޝިއާގެ އިގުތިސޯދީ މަސްރަހުގެ މައްސަލަ ކަމަށެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އަންވަރު އިތުރަށް ވިދާޅުވީ މެލޭޝިއާ ދަރާފައިވާ ދަރަނިތައް ހަލާސްކުރަންޖެހޭ ކަމަށާ، އެގައުމަށް ބޭރުގެ އިންވެސްންޓަރުން ބޭނުންވާކަމަށެވެ. އަދި ސަރުކާރު މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު، ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެދެވޭ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ޑރ މަހާތީރާއެކު ކޮންމެ ހަފުތާއަކުވެސް މަދުވެގެން އެއް ފަހަރު ބައްދަލުކުރައްވަމުން ގެންދަވާ އަންވަރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މެލެޝިއާގެ ވެރިކަމަށް އިސްލާހީ ބަދަލެއް އައީ ކޮރަޕްޓް ނިޒާމެއްގެ ދަށުގައި 60 އަހަރު އޮތުމަށް ފަހުގައި ކަމުން، ސީދާ ބަދަލުތައް ފެންނަން ދުވަސްކޮޅެއް ނަގާނެ ކަންވެސް އަންވަރު ވަނީ ފާހަގަކުރައްވާފައެވެ.

އަންވަރާއި ޑރ މަހާތީރު އިއްތިހާދު ހައްދަވައިގެން މެލޭޝިއާގެ ސަރުކާރު، ތާރީހީ އިންތިހާބަކުން ވައްޓާލެއްވުމަށްފަހު ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތީ ޑރ މަހާތީރެވެ. ނަމަވެސް ޑރ މަހާތީރު ވަނީ ބޮޑުވަޒީރު ކަމުގެ ދައުރު ނިމެންދެން އެ މަގާމުގައި ނުހުންނާވެނ ކަން ހާމަކުރައްވާފައެވެ. އެހެންކަމުން، ބެލެވޭ ގޮތުގައި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މެލޭޝިއާގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަންނަވާނީ އަންވަރު އިބްރާހީމެވެ.