ހަނގުރާމަވެރި ތޯލިބާނު ޖަމާއަތުގެ ލީޑަރުން މެރުމަށް ހާއްސަ ޕްރޮގްރާމެއް ފެށުމަށް އަބޫދާބީގެ ވަލީއަހުދު މުޙައްމަދު ބިން ޒައީދު ހުށަހަޅުއްވައިފިއެވެ.

ވަލީއަހުދު މުޙައްމަދު ބިން ޒައީދު މިފަދަ މަޝްރޫއެއްގެ ހިޔާލު ހުށަހަޅުއްވާފައިވަނީ، އެމެރިކާގެ އިސް ޑިޕްލެމެޓަކާއިއެކު މިއަހަރުގެ ކުރީކޮޅު ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި ކަމަށް މެދުއިރުމަތީގެ ޚަބަރުތައް ބުނެއެވެ.

މިބައްދަލުވުމަކީ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ މިއަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު އެކުވެރި އަރަބި އިމާރާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރިއަށްދިޔަބައްދަލުވުމެއް ކަމަށް މައުލޫމާތު ލިބެއެވެ.

ބައްދަލުވުމުގެ މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ މެދުއިރުމަތީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ވަލީއަހުދު މުޙައްމަދު ޒައިދުގެ ހުށަހެޅުއްވުމާ މެދު ޕޮމްޕޭއޯ ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އަބޫދާބީއަކީ ތޯލިބާން ހަނގުރާމަވެރިންނާއި އެމެރިކާއާއި ދެމެދު ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތަކަށް މަގުފަހިކޮށްދިނުމުގައި އިސްދައުރެއް އަދާކުރި ފަރާތެކެވެ. ނަމަވެސް މިމަޝްވަރާތައް ގަތަރުގެ ދޯހާއަށް ބަދަލުކުރުމާއިއެކު ވަލީއަހުދު ހިތްޕުޅު ނުތަނަވަސްވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއާއި ތޯލިބާނުންނާއި ދެމެދު ދާދިފަހުންވެސް 16 ދުވަހަށް ދެމިގެންދިޔަ މަޝްވަރާތަކެއް ވަނީ ނިންމާލާފައެވެ. ބޮޑު އެއްބަސްވުމެއް އެކުލަވާނުލެވުނު ނަމަވެސް، ދޯހާގައި ކުރިއަށްދިޔަ އެ ބައްދަލުވުންތަކުގައި އެދެވޭ ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ދެ ފަރާތުންވެސް ވަނީ ބުނެފައެވެ.