ނިއުޒީލަންޑް އޮތީ މުސްލިމުނާ އެކުގައިކަން ސާބިތު ކޮށްދިނުމުގެ ގޮތުން އެގައުމުގެ ހުރިހާ އަންހެނުން ހުކުރު ދުވަހު ބުރުގާ އަޅައިފިއެވެ.

ނިއުޒީލަންޑްގެ އަންހެނުން މިކަން ކޮށްފައިވަނީ، ކްރިސްޓްޗާޗުގެ 2 މިސްކިތަކަށް އަމާޒުކޮށް މާޗް 15 ވަނަ ދުވަހު ޓެރަރިސްޓަކު ބަޑީގެ ހަމަލާތަކެއް ދީ 50 މީހުން މަރާލި ބިރުވެރި ހާދިސާއަށް ހަފުތާއެއް ފުރުމާ ދިމާކޮށެވެ.

މުޅި ނިއުޒީލަންޑްވެސް އޮތީ މުސްލިމުންނާ އެކުގައި ސާބިތު ކޮށްދިނުމުގެ ގޮތުން ހުރިހާ އަންހެނުން ހުކުރު ދުވަހު ބުރުގާ އެޅުމުގެ ހިޔާލު އެންމެ ފުރަތަމަ ފާޅުކުރީ އޯކްލަންޑްގެ ޑޮކްޓަރެއް ކަމަށްވާ ތާޔާ އަޝްމަންއެވެ. އޭނާ މިހިޔާލު ފާޅުކުރީ، ބުރުގާ އަޅާ މުސްލިމަކު ޓެރަރިސްޓުންގެ ރާޑަރަށް އަރާފާނެ ކަމުގެ ބިރަށްޓަކައި މަގުމައްޗަށް ނިކުންނަން ބިރުން އުޅުނު ޚަބަރު އޭނާއަށް ލިބުނު ހިސާބުންނެވެ.

ނިއުޒީލަންޑްގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ އަންހެނުން ދަނީ ބުރުގާ އަޅާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު ގިނަ އަދަދެއްގެ ކުޑަކުދިންވެސް ތިބީ ބުރުގާ އަޅުވާފައެވެ.

ކްރިސްޓްޗާޗް ހަމަލާތަކާއި ގުޅިގެން މުސްލިމުންގެ ދިފާއުގައި ނިއުޒީލަންޑުން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކޮށް ގިނަ ބަޔަކު ދަނީ އެ ގައުމަށް ތައުރީފުކުރަމުންނެވެ.