ބިދޭސީން ގެނައުމުގައި ގަވާއިދާ ހިލާފު ކަންތައްތަކެއް ކޮށްފައި ވާކަމުގެ ތުހުމަތު ކުރެވުމާ، އަދި އެމީހުން ގެނައުމަށް ފަހު ޒިންމާތައް އަދާ ކުރުމުގައި އިހުމާލު ވެފައިވާ ކަމަށް ފާހަގަ ކުރެވިގެން މިއަހަރުގެ މިހާތަނަށް 67 ފަރާތެއްގެ މައްސަލަ މޯލްޑިވްސް އިމިގްރޭޝަނުން ތަހުގީގު ކުރަމުން ދާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މިއަދު ނެރުނު ނޫސް ބަޔާނެއްގައި އިމިގްރޭޝަނުން ބުނީ، ތަހުގީގު ކުރަމުން ދާ މައްސަލަ ތަކުގެ ތެރޭގައި އާންމު ފަރުދުންގެ މައްސަލަ ތަކާ، ކުންފުނިތައް ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރެއިން މިއަދާ ހަމައަށް 27 ފަރާތަކާ ދޭތެރޭ ފިޔަވަޅު އަޅާފައި ވާކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

އިމިގްރޭޝަނުން ބުނީ، ބިދޭސީ މަސައްކަތް ތެރީން ގެނައުމަށްޓަކާ ކޯޓާ ހޯދުމަށް އޮޅުވާލައިގެން މަސައްކަތް ކޮށްފައި ވާކަމަން ތަހުގީގަށް ހާމަ ވެފައި ވާކަމަށެވެ. އޭގެ ތެރޭގައި، ސައްހަ ނޫން ލިޔެކިޔުންތައް ހުށައެޅުމާ، މަސައްކަތް ތަކާ، މަޝްރޫއު ތަކަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް ބިދޭސީން ގެނައުމުގެ ހުއްދަ ދޫކޮށްފައި ވާކަން އިމިގްރޭޝަނުން ފާހަގަ ކޮށްފައިވެއެވެ.

މި ކަމާ ގުޅިގެން، މައްސަލަތައް އިތުރަށް ދިރާސާ ކޮށް، ތަހުގީގު މަރުހަލާ ތައް ކުރިއަށް ގެންދިޔުމަށްޓަކާ ސަރުކާރުގެ ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން މިހާރު މަސައްކަތް ކުރަމުން ދާކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

އިމިގްރޭޝަނުން ބުނީ، މޯލްޑިވްސް ޕޮލިސް ސާވިސް އާ ގުޅިގެން މިކަމާ ގުޅުން ހުރި ޑޮކިއުމެންޓަރީ ހެކި ހޯދާ، ދައުވާ ކުރުމަށްޓަކާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމާފާއި ވާކަމަށެވެ.