ސިމެންތި ބަސްތާއެއްގެ ދަށުވެ މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި ހަ މީހުންގެ ތެރެއިން ތިން މީހަކު ދައުވާއަށް އިއުތިރާފުވެއްޖެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފްވެފައި ވަނީ އިންޑިއާގެ ތިން މީހުން ކަމަށްވާ ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލަލް ޗައުހަނެވެ. އޭގެ ތެރެއިން ރައްޖާވް އަލީއަކީ ސިމެންތި ބަސްތާތައް އުފުލި ވިންޗް އޮޕަރޭޓްކުރި މީހާއެވެ.
އެނާގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރުވެދިޔުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ކުށަށް އިއުތިރާފުވެއްޖެނަމަ އަދަބު ހަތަރު އަހަރާއި ހަ މަހަށް ލުއިވެއެވެ.
ދެން ކުށަށް އިއުތިރާފްވެފައިވާ މުތުމަނި ރަމަޗަންދުރަންއަކީ ރައްޖާވްއަށް ސިމެންތި ބަސްތާތައް މައްޗަށް ނެގުމަށް އެންގި މީހާއެވެ. އޭނާއަށް ކުރަނީ މީހަކު މަރުވެދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އިއުތިރާފްވާނަމަ އަދަބު ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ލުއިވެއެވެ.
ތިންވަނަ އިއުތިރާފްވީ ކެޝަރިލަލް ޗައުހަންއަކީ ސިމެންތި ބަސްތާތައް ސަވާޖީއަށް ބަރުކުރުމުގައި އުޅުނު ދެ މީހުންގެ ތެރެއިން އެކަކެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ކުށުގެ ދައުވާއެވެ. އަދަބަކީ އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ. އިއުތިރާފްވެއްޖެނަމަ 27 ދުވަހުގެ ޖަލު ހުކުމަކަށް ލުއިވާނެއެވެ.
މި މައްސަލައިގައި ދައުވާ އުފުލި ޑަބްލިއު ކޮންސްޓްރަކްޝަނުގެ ސީނިއާ ސައިޓް ސުޕަވައިޒަރު މޫސާ ހަސަން އާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގް އަދި ސިމެންތި ބަސްތާތައް ސަވާޖީއަށް ބަރުކުރުމުގައި އުޅުނު ދެވަނަ ބިދޭސީ މީހާ ވަނީ ދައުވާ އަށް އިއުތިރާފްވެފައެވެ. މީގެ ތެރެއިން ދިވެހި ދެމީހުންނަށް ކޮށްފައިވަނީ މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ. މި ތިން މީހުންގެ މައްޗަށް ހުކުމްކުރުމަށް މިމަހުގެ 26 ދުވަހަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފައެވެ.
އެ ކުށަކީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމުން އެކުށް އެމީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މައްސަލައިގައި ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމަށް ދައުވާ ލިބޭ ހަ މީހުން ވެސް ހާޒިރުވީ ގާނޫނީ ވަކީލަކާ ނުލައެވެ. ދައުވާ ލިބޭ ކުންފުނީގެ އިސް ދެ މީހުން ބުނީ ވަކީލަކު ހޯދަން އަދިވެސް ފުރުސަތު ބޭނުންވާ ކަމަށެވެ. ނަމަވެސް ގާޒީ ނިންމެވީ މިއަދުގެ އަޑުއެހުން ދިފާއީ ވަކީލުން ނެތް ނަމަވެސް ކުރިއަށް ގެންދާށެވެ. ވަކީލުން އައްޔަންކުރުމުގެ ފުރުސަތު އަދިވެސް އޮންނާނެއެވެ.
މަރުވި ޖިއާންއަކީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު މާލޭގައި އިމާރާތްކުރަމުން ދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި މަރުވި ބަންގްދަލޭޝް ކުއްޖެކެވެ. އޭނާއަކީ ފ. އަތޮޅުގެ ރަށެއްގައި މަސައްކަތް ކުރާ ޑޮކްޓަރެއްގެ ދަރިއެކެވެ.