ދަރުމަވަންތަ ސްކުލުގެ ވަގުތީ އިމާރާތުގެ ހުރިހާ ކުލާސްރޫމެއް އެއާކޯން ކުރެވިގެން ދާނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.
އެ މިނިސްޓްރީއިން ބުނީ އެ ސްކޫލުގެ ވަގުތީ އިމާރާތުގައި ހުރި ކުލާސްރޫމުތައް އޭސީ ކުރުމަށް ނިންމީ އެ ސްކޫލްގެ ކްލާސްރޫމްތައް ހޫނުވުމުގެ ސަބަބުން ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކަމަށެވެ. އަދި ކުރިއަށްއޮތް މަހެއްހާ ދުވަސްތެރޭ އެ ސްކޫލްގެ ހުރިހާ ކްލާސްރޫމެއް އެއާކޯން ކުރެވިގެންދާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.
ދަރުމަވަންތަ ސްކޫލުގެ އަސްލު އިމާރާތް ގިނަ ދުވަސްވެ ބައުވުމުގެ މައްސަލަތައް ކުރިމަތިވާން ފެށީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން ބައެއް ކްލާސްތަކުގެ ފާރުގައި ރެނދުލައި ކުދިން ބައިތިއްބަން އެކަށީގެން ނުވާތީ ކޮންމެވެސް ވަރެއްގެ މަރާމާތަކާއެކު 2015 ވަނަ އަހަރު ނިމެންދެން އެ ސްކޫލުގެ ދަރިވަރުން ހޭދަކުރީ އެ އިމާރާތުގައެވެ. އެހިސާބުން ވަގުތީ ގޮތުން ކުދިން ބަދަލު ކުރާނެތަނެއް ހޯދުމަށް މަސައްކަތް ފަށާ އޭރު ވެލާނާގޭ ދެކުނަށް ހުރި ހުސްބިމުގައި ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތް ކުރެވުނެވެ.
ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުންދަނީ ވަގުތީ އިމާރާތެއްގައެވެ. މި އިމާރާތް ފަރުމާކޮށްފައިވާ ގޮތުން ކްލާސްރޫމްތަކަށް ވަރަށް ހޫނުވެ ކުދިންނަށް އެ ކްލާސްތަކުގައި ކިޔަވަން ތިބުމުގައި ދަތިތަކާ ކުރިމަތިވާކަމަށް ވެއެވެ.