ބ. އަތޮޅަކީ ދައުލަތަށް އެންމެ ގިނަ ޓެކްސް ފައިސާ ވައްދާ އަތޮޅަށްވި ނަމަވެސް އެ އަތޮޅުގެ ގިނަ ރަށްރަށުގެ ބަނދަރުތައް ހުރީ ހަލާކުވެފައިކަމަށް ނައިބު ރައީސް ފައިސަލް ނަސީމް އެ އަތޮޅު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެއްޖެއެވެ.
ފައިސަލްގެ ވާހަކަފުޅުގައި ދައުލަތުގެ ބަޖެޓަށް އެންމެ ގިނަ ފައިސާ ވައްދާ އަތޮޅަކީ ބ. އަތޮޅު ކަމަށާއި ނަމަވެސް އެއަތޮޅުގެ ގިނަ ރަށްރަށުގެ ބަނދަރުތައް ހަލާކުވެފައި ހުރި ކަމަށާއި ފެނާއި ނަރުދަމާގެ ނިޒާމް ބޭނުންވާ ރަށްތައް އަދިވެސް އެބަހުރި ކަމަށް ފާހަގަކުރެއްވިއެވެ. އަދި އަތޮޅުތަކުގެ ރަށްރަށަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ސަރުކާރުން ހައްލުކޮށްދޭނީ ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަން ހޯދައިދީގެންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަންދީ އަތޮޅުތަކުން ދައުލަތަށް ލިބޭ ޓެކްސް ފައިސާގެ ބައެއް ކައުންސިލްތަކަށް ދިނުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ފައިސަލް ވިދާޅުވީ ސަރުކާރުގެ މި ސިޔާސަތުތައް ތަންފީޒް ކުރުމަށްޓަކައި ނަޒާހާތްތެރި ރައްޔިތުންގެ މަޖިލީހެއް އިންތިހާބު ކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ.
އޭގެއިތުރުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ދާނީ ކުރަމުން ކަމަށެވެ. އޭގެ ތެރޭގައި ތައުލީމީ ސިޔާސަތު ވަރުގަދަކޮށް، ސިއްހީ ހިދުމަތް ފުޅާކޮށް ރައްޔިތުންނަށް ދިމާވެފައިވާ ފެނާއި ނަރުދަމާ މަސައްކަތް ފަދަ އަސާސީ ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ވައުދުގެ ކަންކަން ހާސިލްކޮށްފައިވާ ކަމަށް ވިދާޅުވެ ފައިސަލް ވަނީ ރައްޔިތުންނަށް ކުރީގެ ސަރުކާރުން ފޯރުކޮށް ނުދީ ހުރި އަސާސީ ހިދުމަތްތައް މި ސަރުކާރުން ފުރިހަމަކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ބ. އަތޮޅަކީ ދައުލަތަށް އެންމެ ގިނަ ޓެކްސް ފައިސާ ވައްދާ އަތޮޅަށްވާ އިރު އެ އަތޮޅަކީ ގިނަ އަދަދެއްގެ ފެންވަރު ރަނގަޅު ރިސޯޓުތައް ހިމެނޭ އަތޮޅެކެވެ.