އިންޑިއާ އާއި ޕާކިސްތާނު ހިއްސާކުރާ ސަރަހައްދީ އިމުގައި އޮންނަ ޖައްމު އާއި ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގައި އޮންނަ ސޮޕޯ ޑިސްޓްރިކްޓްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށް އަމާޒުކޮށް ގްރެނޭޑް ހަމަލާއެއް ދީފިއެވެ.
މި ހަމަލާގައި ތިން ފުލުހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް އިންޑިއާގެ ޚަބަރުތައް ބުނެއެވެ.
އިންޑިއާގެ ފުލުހުންނަށް އަމާޒުކޮށް ގްރެނޭޑް ހަމަލާދީ ތިން ފުލުހަކު ޒަހަމްކޮށްލާފައި މިވަނީ، އަމިއްލަ ގޭގެ ކުރިމަތީގައި ހުންނަވަނިކޮށް އިންޑިއާގެ ސްޕެޝަލް ޕޮލީސްގެ އަންހެން އޮފިސަރަކު މަރާލިތާ އެއް ދުވަސްފަހުންނެވެ.
ޖައްމު އާއި ކަޝްމީރު ސަރަހައްދުގައި ހަމަނުޖެހުންތައް ގަދަވެފައި މިވަނީ، މިދިޔަ ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު ޕުލްވާމާގައި ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާގައި އިންޑިއާގެ 40 އަށްވުރެ ގިނަ ޕެރާމިލިޓްރީ ފުލުހުންގެ ފުރާނަ ގެއްލުނު ހާދިސާއާއި ގުޅިގެންނެވެ.