އަނބިކަނބަލުންނާ ގުޅުން އޮތް ވިޔަފާރިއަކާ މެދު ދެބަސްވުންތަކެއް އުފެދިފައިވާ ބަޔަކު ވަގަށް ނަގައިގެން ގެންގޮސް ސުވާލުކުރުމަށްޓަކައި ދައުލަތުގެ ޖާސޫސީ ވަސީލަތްތަކުގެ ނާޖާއިޒު ފައިދާ ނަންގަފައިވާކަމުގެ ތުހުމަތުތަކެއް، ބަންގްލަދޭޝްގެ ގައުމީ ސަލާމަތާއި ބެހޭ އިސް މުޝީރު މޭޖާ ޖެނެރަލް ތޯރިގު އަޙުމަދު ސިއްދީޤުގެ މައްޗަށް ކުރަން ފަށައިފިއެވެ.
މޭޖާ ޖެނެރަލް ތޯރިގަކީ ބަންގްލަދޭޝްގެ ޖާސޫސީ އިދާރާގެ އިތުރުން އަސްކަރިއްޔާގެ މައްޗަށްވެސް އަމުރު ކުރެއްވުމުގެ ބާރު އޮންނަ ނުފޫޒުގަދަ ޝަހްސެކެވެ. ވެރިކަން ކުރާ އަވާމީ ލީގުގެ އެންމެ ނުފޫޒުގަދަ ލީޑަރުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ މޭޖާ ޖެނެރަލް ތޯރިގަކީ ބޮޑުވަޒީރު ޝައިހު ހަސީނާއާއި އެއް ލޭ ހިނގާ ޝައިހު ރައިހާނާއާއި ކައިވެނި ބައްލަވައިގަނެގެން އުޅުއްވާ ފަރާތެކެވެ.
މޭޖާ ޖެނެރަލް ތޯރިގާއި ދެކޮޅަށް މި ތުހުމަތުތައް ފެންމަތިކުރައްވާފައިވަނީ ބިޒްނަސް އެސޯސިއޭޓުންގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި، ކުރީގެ އަސްކަރީ އޮފިސަރެއް ކަމަށްވާ ކާނަލް ޝާހިދުއްދީން ޚާންއެވެ. އޭނާ މިހާރު އަމިއްލަފުޅަށް އަރުވާލެވިގެން ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގައެވެ.
ކާނަލް ޝާހިދުއްދީން ތުހުމަތުކުރައްވާ ގޮތުގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އޭނާ ހިންގަވާ ކުންފުނީގައި މަސައްކަތްކުރަމުންދިޔަ 3 މީހަކު ވަގަށް ނަގާފައިވަނީ ދައުލަތުގެ ސަލާމަތާ ބެހޭ އޮފިސަރުންތަކެކެވެ. އެމީހުންގެ އާއިލާތަކުންވެސް ވަނީ އެމީހުންގެ ޚަބަރެއް ނުވާތާ 12 ހަފުތާ ފާއިތުވެގެން ގޮސްފައިވާކަމަށް ބުނެފައެވެ.
ކާނަލް ޝާހިދުއްދީން ތުހުމަތުކުރައްވާ ގޮތުގައި އެކަމެއް ހިންގާފައިވަނީ، މޭޖާ ޖެނެރަލްގެ އަނބިކަނބަލުންނާއިއެކު ކާނަލް ޝާހިދުއްދީން ކުރިއަށްގެންދެވި ވިޔަފާރީގައި އުފެދުނު ދެބަސްވުންތަކެއްގެ ސަބަބުންނެވެ.
ކަންމިހެން އޮތްއިރު، ބަންގްލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކުން މީގެ ކުރިންވެސް ގިނަ އަދަދެއްގެ ބަޔަކު ވަގަށް ނަގާފަވަނިކޮށް އެމީހުންގެ ހަށިތައް ފެނުނު މައްސަލައެއް 2017 ވަނަ އަހަރު ވަނީ ފެންމަތިވެފައެވެ.