މާލެ ސިޓީ ކައުންސިލުގެ ދަށުން މާލޭގައި އަލުން އަވަށު އޮފީސްތައް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔާ ޝަމާއު ޝަރީފް ވިދާޅުވީ މާލޭގައި އަވަށު އޮފީސްތައް ގާއިމްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންގެންދާކަމަށެވެ.
އެގޮތުން އަވަށު އޮފީސްތައް ގާއިމްކުރުމަށްޓަކައި އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި އަވަށު އޮފީސްތައް އުފައްދާ އަވަށްތައް ބެލެހެއްޓުމަށްޓަކައި ޓެކްނިކަލް މުވައްޒަފުން ހޯދާ މާލެ ބެލެހެއްޓުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާނެކަމަށެވެ.
މިހާރު މާލެ ސިޓީ ބެލެހެއްޓުމަށްޓަކައި އަށް މުވައްޒަފުން ބޭނުންކުރި ނަމަވެސް ކުރިއަށްއޮތް ތަނުގައި މަސައްކަތަށް ގާބިލް މުވައްޒަފުން ހޯދާ ރައްޔިތުންނަށް ދިމާވާ އެކިކަހަލަ މައްސަލަތައް ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ އެކި މައްސަލަތައް ބަލާ ހައްލުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާކަން އެކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ ކުރިން އަވަށު އޮފީސްތައް ހިންގާފައިވަނީ ވަރަށް ކާމިޔާބުކޮށްކަމަށާއި ދެންވެސް އަވަށު އޮފީސްތައް ހަރުދަނާކޮށް ކުރިއަށްގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބެނެއެވެ.
މާލޭގައި މީގެ ކުރިން އަވަށު އޮފީސްތައް ހިންގާފައިވާއިރު އެކި އަވަށްތަކަށް ދިމާވާ މައްސަލަތައް ވަކިވަކިން ބަލަމުން ދަނީ އަވަށު އޮފީސްތަކުންނެވެ.