ވެށިފަހި މާލެ ޕްރޮގްރާމުން މާލޭ ސަރަހައްދުން ފްލެޓަށް އެދިފައިވާ ހުރިހާ މީހުންނަށް ފްލެޓް ދޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލޭގެ ބޯހިޔާވަހިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް އާއްމުންނަށް ހުޅުވާލައިގެން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދެއްކި ބައެއް އާއްމުން ހިޔާ މަޝްރޫއުގެ ފުލެޓުތައް ލިބޭނެތޯ ސުވާލު ކޮށްފައިވެއެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެއީ ވެށިފަހި މާލެ ޕްރޮގްރާމުން ހިޔާރަކުރި ފްލެޓުތަކެއް ކަމުގައެވެ. އަދި ދައުލަތުން އެއްވެސް ރައްޔިތަކާއިއެކު އެއްބަސްވުމެއް ވެފައިވާނަމަ މި ސަރުކާރުން އެއަށް އަމަލުކުރާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ވެށިފަހި ޕްރޮގްރާމްގެ ދަށުން ފްލެޓަށް ފޯމު ހުށަހެޅި ހުރިހާ މީހުނަށް ވެސް ފްލެޓް ލިބޭނެ ކަމަށާއި އެކަން ކުރުމަށް ބޭނުންވަނީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކޮށްދިނުން ކަމުގައި ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ނަޝީދު ވިދާޅުވީ މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަން ހައްގުވާ މީހަކު ހުރިނަމަ ދައުލަތުން ހުރިހާކަމެއް ހުއްޓާލާފައި ލޯނު ނަގައިގެން ނަމަވެސް އެކަން ކޮށްދޭން ޖެހޭނެ ކަމަށެވެ.

"އެޖެންޑާ 19 އަކީ އެއްވެސް މީހަކު ބާކީ ނުވާނެހެން ބޯހިޔާވިކަން ކަށަވަރުކޮށްދިނުމަށް ރައްޔިތުންނަށް ފުރިހަމައަށް އިތުބާރު ކުރެވޭ ދެފުތް ފެންނަ އުސޫލެއް ހާމަކަން ބޮޑު ގޮތެއްގައި ހިންގުމަށް މި ގާނޫނޫ ލާޒިމް ކުރާނެ" ނަޝީދު ވިދާޅުވިއެވެ.

ވެށިފަހި މާލެ ޕްރޮގްރާމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ފެށްޓި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ދަށުން މާލެ ހުޅުމާލެ އަދި ގުޅީފަޅުން ފުލެޓް ދިނުމާއި ބިން ދޫކުރުން ކުރިއަށް ގެންދިޔައެވެ. އެ ފުލެޓް ތަކަށް އެދި 220000 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައި ވެއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމަށްފަހު އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މާލެ ޒީނަތްތެރި ތަނަކަށް ހެދުމާއި ވެށިފަހި މާލެ ޕްރޮގްރާމް އަލުން ހިންގަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ކެންޕޭން ތެރޭގައި ވައުދުވެވަޑައިގެންފައެވެ.