އަސްކަރީ ހަތިޔާރުގެ ގިންތިއަށް ފެތޭ ސެމީއޮޓޮމެޓިކް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ނިންމާފައިވާކަމަށް ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސީންޑާ އެޑާން ވިދާޅުވެއްޖެއެވެ.

ނިއުޒީލަންޑްގެ ބޮޑުވަޒީރު މިފަދަ ރޫހެއްގައި ވާހަކަފުޅު ދައްކަވާފައި މިވަނީ، ސެމީއޮޓޮމެޓިކް ހަތިޔާރު ބޭނުންކޮށް އޮސްޓްރޭލިއާގެ ޓެރަރިސްޓަކު، ނިއުޒީލަންޑްގެ 2 މިސްކިތަކަށް ވަދެ ދިން ބަޑީގެ ހަމަލާތަކެއްގައި 50 މީހުންގެ ފުރާނަ ގެއްލި، ގިނަ ބަޔަކަށް ސީރިއަސް ޒަހަމްތަކެއް ލިބި، ފޫނުބެއްދޭ ވަރުގަދަ ނަފުސާނީ އަނިޔާތަކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.

އޮސްޓްރޭލިއާގެ ބްރެންޓޮން ޓެރަންޓް، މާޗް މަހުގެ 15 ވީ ހުކުރު ދުވަހުގެ ހުކުރު ނަމާދު ވަގުތު، ނިއުޒީލަންޑްގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ވަދެ ބަޑިން ހަމަލާދީ ގިނަ ބަޔަކު މަރާލި ހާދިސާއާއި ގުޅިގެން ނިއުޒީލަންޑުން ދަނީ އެ ގައުމަކީ ސަލާމަތްތެރި އަދި ރައްކާތެރި ގައުމެއްކަން ކަށަވަރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބޮޑުވަޒީރު އެޑާން ވިދާޅުވީ، ހަތިޔާރު ވިއްކުން މަނާ ކުރާ ގާނޫނު، އޭޕްރިލް މަހުގެ 11 ވަނަ ދުވަސް އަންނައިރު ތަންފީޒު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

ސެމީ އޮޓޮމެޓިކް އަސްކަރީ ހަތިޔާރުގެ އިތުރުން، އާދައިގެ ބަޑިތައް އަސްކަރީ ފެންވަރަށް ތަރައްގީ ކުރުމަށް ބޭނުންވާނެ ސްޕެއާ ޕާޓްތަކާއި، ހައި ކެޕޭސިޓީ ވަޒަނުގެ މެގަޒިން ވިއްކުންވެސް ނިއުޒީލަންޑްގައި މިހާރު ވަނީ މަނާކޮށްފައެވެ. ކަންމިހެން އޮތްނަމަވެސް، އަދާކުރަމުންދާ މަސައްކަތްތަކަށް ބަލާ، ބައެއް ކަހަލަ ހަތިޔާރު ގެންގުޅުމުގެ ހުއްދަ ދޫކުރުމުގެ އިންތިޒާމު ހަމަޖެހޭނެކަންވެސް ބޮޑުވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިހާރު މިފަދަ ހަތިޔާރުތައް ހުރި ފަރާތްތަކުން ކަމާ ބެހޭ ފަރާތްތަކާއި އެ ހަތިޔާރު ހަވާލުކުރުމުން މާލީ ބަދަލުދޭ ގޮތަށް ހަމަޖެހިފައިވާއިރު މިކަމަށް ގާތްގަނޑަކަށް 100 މިލިއަނެއްހާ ޑޮލަރު ހަރަދުވާނެ ކަމަށާ، ނަމަވެސް މިއީ އާބާދީގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހިފައިވާ ޚަރަދެއް ކަމަށްވެސް ބޮޑުވަޒީރު އެޑާން ވަނީ ފާހަގަކުރައްވާފައެވެ.

ނިއުޒީލަންޑްގެ ފުލުހުންނާއި ހަވާލުވެ ހުންނަވާ ވަޒީރު ސްޓުއާޓް ނޭޝް ވިދާޅުވީ، އެގައުމުގައި ބަޑި ގެންގުޅުމަކީ އަމިއްލަ އިހުތިޔާރަށް ދޫކޮށްލާފައިވާ އިމްތިޔާޒެއް ކަމަށާ، އެއްވެސް ހާލެއްގައި ލާޒިމު ކަމެއް ނޫންކަމަށެވެ.

ކްރައިސްޓްޗާޗު ހަމަލާތަކަށްފަހު ނިއުޒީލަންޑްގެ ކަމާ ބެހޭ ފަރާތްތަކާއި އާންމުން އަޅަމުންދާ ފިޔަވަޅުތަކާއި ދެމުންދާ އެއްބާރުލުން ފާހަގަކޮށް ދުނިޔޭގެ ގިނަ ގައުމުތަކަކުން ދަނީ ނިއުޒީލަންޑަށް ތައުރީފުކުރަމުންނެވެ.