"ޓެރަރިޒަމް"ގެ ހަގީގީ މާނަ ކަނޑައެޅުމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ހާއްސަ ބެންޗެއް އެކުލަވާލައިފިއެވެ.

ޓެރަރިޒަމް މާނަކޮށް، އެ ގިންތިއަށް ފެތޭ ކަންކަން ކަނޑައެޅުމަށް ނިންމެވީ ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު އާސިފު ސައީދު ޚޯސާ ކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްވާމާގައި ދިން ބޮމުގެ ހަމަލާގެ ޒިންމާ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ޖާއިމީ މުޙައްމަދު ހަނގުރާމަވެރި ޖަމާއަތުން އުފުލާފައިވާއިރު، އެ ޖަމާއަތާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ، ޕާކިސްތާނުގެ ސަރުކާރަށް ޕްރެޝަރު ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ.

ޓެރަރިޒަމް މާނަކުރުމަށް އެކުލަވާލި 7 މެންބަރުންގެ ބެންޗުގައި އިސްކޮށް ހުންނަވާ އުއްތަމަ ފަނޑިޔާރު ޚޯސާ ވިދާޅުވީ، ޓެރަރިޒަމްގެ ގިންތިއަށް ފެތޭ ކަންކަމަކީ ކޮބައިކަން 1997 ވަނަ އަހަރުން ފެށިގެން ކަނޑައެޅިފައި ނުވާކަމަށެވެ.

ކަންމިހެންއޮތްއިރު، ޕެޝާވަރުގެ އަސްކަރީ ސްކޫލަކަށް އަމާޒުކޮށް 2014 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެކުލަވާލާފައިވާ، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންނާ މެދު އަމަލުކުރާ ގައުމީ ޕްލޭން ތަންފީޒުކުރުމާއި ބެހޭ މަޝްވަރާތައް، ޕާކިސްތާނުގެ ސިޔާސީ ޕާޓީތަކާއިއެކު މިމަހުގެ 28 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނަކީ ހަނގުރާމަވެރިންނަށް އަމާން މަންޒިލެއްގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ސިފަކުރަމުން އަންނައިރު، ޕާކިސްތާނުން ދަނީ އެ ތުހުމަތުތަކަށް އިންކަރު ކުރަމުންނެވެ.