ޗައިނާގައި ދިރިއުޅެމުންދާ ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ކޮމިއުނިސްޓް ސަރުކާރުން ކުރަމުންދާ "ހަނގުރާމަ" ހުއްޓުވުމަށް، މުސްލިމު އާބާދީއަށް މެޖޯރިޓީ އޮންނަ ގައުމުތަކުން ޗައިނާއަށް ފިއްތުންތައް ކުރިމަތިކުރުވުމަށް، ގަތަރަށް މިހާރު ދަތުރުކުރަމުންދާ ވީގޫރު ދަރިކޮޅުގެ މުސްލިމު އިލްމުވެރިންތަކެއް ގޮވާލައިފިއެވެ.
އދގެ ޕެނަލަކުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާ ސަރުކާރުންވަނީ މިލިއަނަކަށް ވުރެ ގިނަ މުސްލިމުން ވަކި ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ކޭމްޕުތަކެއްގައި ބަންދުކޮށްފައެވެ. އިންސާނީ ހައްގުތަކަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ކޭމްޕުތަކަކީ ޑިޓެންޝަން ސެންޓަރުތަކެކެވެ. ނަމަވެސް ޗައިނާ ސަރުކާރުން ބުނަމުންދަނީ، މި މަރުކަޒުތަކަކީ މަސައްކަތްތެރިކަމާ ހުނަރު ދަސްކޮށްދޭ ވޮކޭޝަނަލް ޓްރެއިނިންގް ސެންޓަރުތަކެއް ކަމަށެވެ.
ގަތަރުގެ ވެރިރަށް ދޯހާއަށް މިހާރު ޒިޔާރަތްކުރަމުންދާ ތުރުކީވިލާތުގެ މަދަނީ ޖަމިއްޔާއެއް ކަމަށްވާ މުސްލިމް ސްކޮލާޒް އޮފް އީސްޓް ތުރުކިސްތާނުގެ ދީނީ އިލްމުވެރިންގެ ވަފުދުން ވަނީ، ޗައިނާ ސަރުކާރުގެ އަމަލުތަކަކީ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ އަމަލުތަކެއް ކަމަށާ، އެއީ ވީގޫރު ދަރިކޮޅުގެ ނަސްލީ ސަގާފަތާ ދީނީ ތަރިކަތައް ނައްތާލުމަށް ހިންގާ އަމަލުތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ވަފުދުގެ ބައިވެރިއެއް ކަމަށްވާ އަބްދުލް ޚާލިޤު ވީގޫރު ބުނީ، ޗައިނާ ސަރުކާރުން ދަނީ ޗައިނާގައި ދިރިއުޅޭ ވީގުރު ދަރިކޮޅުގެ މުސްލިމުން، އިސްލާމް ދީން ދޫކޮށް ކޮމިއުނިސްޓުން ފަދަ އޭތީސްޓުންނަށް ވުމަށް ބާރުއެޅުމުގެ ގޮތުން ހަނގުރާމައެއް ކުރަމުންކަމަށެވެ.
މިދިޔަ ޖަނަވަރީ މަހު ޗައިނާއިން ވަނީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އިސްލާމް ދީނަކީ "ޗައިނާވަންތަ ފިކުރަކަށް" ބަދަލު ކުރުމަށް ބާރުދޭ ގާނޫނީ ބަދަލު ކުރުމަށް ބާރުދޭ ގާނޫނެއް ފާސްކޮށްފައެވެ. މިއީ ޗައިނާއިން ގަބޫލުކުރަމުންދާ "ހާން ޗައިނީޒް ސަގާފަތުން" ބޭރު ހުރިހާ ފިކުރެއް އެތަގަނޑަށް ވިރުވުމަށް އެގައުމުން ގެންގުޅޭ އުސޫލުތަކެކެވެ.
ޗައިނާގައި އިސްލާމް ދީނުގެ ފަރުޟު ރުކުންތަކާއި، ވާޖިބުތަކާއި ސުންނަތް އަދާކުރުމަށްވެސް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ. މިސްކިތްތަކާއި ނަމާދުގެ ތަކާއި، ޤުރުއާނާއި ދީނީ އިލްމު އުންގަންނައިދޭ މަރުކަޒުތައް ބަންދުކޮށް، ބުރުގާ އެޅުމާއި ތުނބުޅި ބެހެއްޓުންވެސް ޗައިނާގެ ބޮޑު ސަރަހައްދެއްގައި މަނާކޮށްފައިވާއިރު، އިސްލާމް ދީނާ ދެކޮޅަށް ޗައިނާއިން ހިންގާ ސިޔާސަތުތަކާއި ދެކޮޅަށް، މުސްލިމުންގެ މެޖޯރިޓީ އޮންނަ ބޮޑެތި ގައުމުތަކުގެ ތެރެއިން ފާޅުގައި ދެކޮޅު ހަދާ، އެއްޗެއް ބުނެފައިވަނީ ތުރުކީވިލާތުން އެކަންޏެވެ.