ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ގޮޅި ތެރެއަށް ވެއްޓި އަނިޔާވެއްޖެއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި އޭނާ ގޮޅި ތެރެއަށް ވެއްޓިފައި ވަނީ ރޭ ފަތިހު 3:45 އާއި 4:00 ދެމެދުކަމަށެވެ. އަދި ވަގުތުން އޭނާ ވަނީ ދުނިދޫގައި ހުންނަ މެޑިކަލް ކްލިނިކަށް ގެންގޮސް ފަރުވާ ދީފައެވެ.

އޭނާގެ ބޮލުގެ ފުއްކިބައިން ޒަހަމް ވެފައި ހުރުމުން ދޫނިދޫ ކްލިނިކުން ވަނީ އޭނާގެ ބޮލުގައި ބޭސް އަޅާފައެވެ. ނަމަވެސް، އޭނާ އަމިއްލައަށް ބޭސް ގަނޑު ނައްޓާލައިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ، ކަން މިހެން ހިނގުމުން، އަނެއްކާވެސް ދޫނިދޫ މެޑިކަލް މެދުވެރިކޮށް އޭނާގެ ބޮލުގައި ބޭސް އަޅައިފާވާނެކަމަށެވެ.

ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުރި މި މީހާ ބަންދުކުރެވުނީ ކޮން މައްސަލައެއްގައި ކަން ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. މިމީހާ ބަންދުކޮށްފައިވަނީ މި މަހު އަށް ވަނަ ދުވަހުއެވެ. އަށް ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އޭނާ ވަނީ ހަތަރު ފަހަރު ދޫނިދޫ މެޑިކަލް އަށް ގެންދެވިފައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އޭނާ އަކީ ނަފްސާނީ ބައްޔެއް ހުންނަ މީހެއް ކަމަށާއި އޭނާ ބަންދުކޮށްފައި ހުރި މުއްދަތުގައި އެއް ފަހަރު ސައިކޭޓަރިސްޓަކަށް ދައްކި ކަމަށެވެ.

މި މީހާގެ ބަންދުގެ މުއްދަތު މިއަދު ހަމަ ވުމާއި ގުޅިގެން ފުލުހުން ވަނީ އޭނާ، އޭނާގެ އާއިލާއާއި ހަވާލު ކޮށްފައެވެ. އާއިލާއާއި ހަވާލު ކުރި އިރުވެސް އޭނާގެ ވިތްޑްރޯވަލް ސިމްޕްޓަމްސް ހުރިކަމަށް ފުލުހުން ބުނެއެވެ.