މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވެހިކަލަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފިއެވެ.

މިއަދު 15:15 ހާއިރު ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ މިފްކޯގެ ވޭން ހުއްޓުވާ އޭގައި ހުރި ފައިސާ ފޭރިގެންފައި ވަނީ ހެލްމެޓަކުން މޫނު ނިވާކޮށްފައި ތިބި ބައެކެވެ. ފޭރިގެންފައިވާ ފައިސާއަކީ މިފްކޯގެ ހެޑް އޮފީހުން ފެލިވަރަށް ގެންދިޔަ ދެ މިލިއަން ރުފިޔާކަމަށް މައުލޫމާތު ލިބެއެވެ.

މި ފައިސާ ފޭރިގެންފައި ވަނީ ވޭނުގައި ތިބި މިފްކޯގެ މުވައްޒަފުންނަށް ބިރު ދެއްކުމަށްފަހުއެވެ. އަދި ފައިސާ ފޭރިގެން މީހުން ވަނީ މިފްކޯ މުވައްޒަފުންނަށް ބިރު ދެއްކުމަށް ކޯރާޑިއަކުން ޖަހާ ވޭނުގެ ބިއްލޫރިގަނޑު ތަޅާލާފައެވެ. އެގޮތުން ވޭނުގެ ކުރީ ބިއްލޫރިގަނޑުގައި ރެނދުލާފައި ވާއިރު ޑްރައިވަރު ސީޓު އިންނަ ފަޅީގެ ބިއްލޫރިގަނޑު ވަނީ އެއްކޮށް މުގުރާލާފައެވެ.

މިފްކޯގެ ވެހިކަލުގެ ބިއްލޫރިގަނޑު ތަޅާލާފައި

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ "ދަޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ވޭނުގައި ތިބީ ޑްރައިވަރުގެ އިތުރުން މިފްކޯގެ ދެމުވައްޒަފުން ކަމަށެވެ. އޭގެތެރެއިން ފައިސާ ދަބަސް ހިފައިގެން ހުރި މިފްކޯގެ މުވައްޒަފުގެ ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ތަޅައިގެން ގޮސް އޭނާގެ ލޯކައިރިން ހަލާކުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ފައިސާ ފޭރުނު ފަރާތުން އެ ވޭނުގެ ދޮރު ހުޅުވުމަށް ކޯރާޑި ލައްވައިގެން މަތާފައިވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.