ރައުޝަން ޖިއާންގެ މަރުގެ މައްސަލައާއި ގުޅިގެން ދައުވާ ކުރާ މީހުންގެ ޝަރީއަތް މާދަމާ ފެށުމަށް ކްރިމިންލް ކޯޓުން ހަމަޖައްސައިފިއެވެ.
ރައުޝަން ޖިއާން އަކީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު މާލޭގައި އިމާރާތްކުރަމުން ދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި މަރުވި ބަންގްދަލޭޝް އަށް ނިސްބަތްވާ ހަތް އަހަރުގެ ކުއްޖެކެވެ.
ޖިއާންގެ މަރުގެ މައްސަލައިގެ ދައުވާ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލާފައިވަނީ ހަ މީހެއްގެ މައްޗަށެވެ. އެއީ ދެ ދިވެހިންގެ އިތުރުން އިންޑިއާގެ ހަތަރު މީހެކެވެ. މި މައްސަލާގައި ދައުވާ އުފުލާފައިވާ ދެ ދިވެހިންނަކީ ޑަބްލިއު ކޮންސްޓްރަކްޝަންގެ ސައިޓު ސްޕަވައިޒަރު، (ދަފްތަރު ނަންބަރު 7198) އާދަމް ޝަފީގާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓާ، (ދަފްތަރު ނަންބަރު 8424) މޫސާ ހަސަންއެވެ.
މި މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާކޮށްފައި ވަނީ އެ އިމާރާތުގައި މަސައްކަތް ކުރަމުން ދިޔައިރު ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އިހުމާލުވެފައިވާތީ ކަމަށް ޕީޖީގެ ދައުވާގައިވެއެވެ.
އެގޮތުން، ގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ ދަށުން މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ ޝަފީގާއި މޫސާގެ މައްޗަށް އުފުލާފައިވެއެވެ. މިކުށުގެ އަދަބަކީ އެއް އަހަރާއ ހަތްމަސް ދުވަހުގެ ޖަލު ހުކުމެކެވެ.
މީގެ އިތުރުން ދައުވާ އުފުލާފައިވާ ހަތަރު ބިދޭސީންނަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާ އަދި 618 ވަނަ މާއްދާގެ ދަށުން ދައުވާ އުފުލިފައިވެއެވެ. އެއީ ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ ދަށުން މީހަކު މަރުވެ ދިއުމުގެ ފަރުވާކުޑަ އަމަލެއް ހިންގުމުގެ ދައުވާއެވެ. މި ކުށުގެ އަދަބަކީ ހަ އަހަރުގެ ޖަލު ހުކުމެކެވެ. އަދި ގާނޫނުލް އުގޫބާތުގެ 618 ވަނަ މާއްދާގެ ދަށުން ކުރިމާތިވެދާންކަން އެނގޭ ނުރައްކަލެއްގެ އިންޒާރު ސަބަބެއް ނެތި ނުރައްކަލުގައިވާ މީހާއަށް ނުދިނުމުގެ ދައުވާ ދެ ބިދޭސީންނަށް އުފުލާފައިވެއެވެ. މި ކުށުގެ އަދަބަކީ އެއްމަހާއި ހަދުވަހުގެ ޖަލު ހުކުމެކެވެ. އަދި މީގެ އިތުރުން މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ ވެސް އެއް ބިދޭސީއެއްގެ މައްޗަށް ކޮށްފައިވެއެވެ. މި ކުށުގެ އަދަބަކީ ތިން އަހަރާއި ދެ މަސް އަދި 12 ދުވަހުގެ ޖަލު ހުކުމެވެ.
ޖިއާން މަރުވި ހާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރަތް ކުރުމުގެ ހުއްދަ އޭރު އަތުލިއެވެ. އޭގެފަހުން މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ޑަބްލިއު ކޮންސްޓްރަކްޝަނަށް ވަނީ އިމާރާތް ކުރުމުގެ ހުއްދަ އަނބުރާ ދީފައެވެ. ނަމަވެސް މ. ނަލަހިޔާ މަންޒިލްގައި އެ ކުންފުނިން ކުރަމުން ދިޔަ މަސައްކަތްތަކަށް އަދި ހުއްދައެއް ނުދެއެވެ. އެއީ އެ ހާދިސާގެ ތަހުގީގު ނުނިމޭތީއެވެ.