ބަންގްލަދޭޝްގެ ވެރިކަން ކުރަމުން އަންނަ އަވާމީ ލީގުގެ ލީޑަރަކު މަރާލައިފިއެވެ.
ބިލާއީޗާރީ އުޕަޒިއްލާގެ ރައީސް ސުރޭޝް ކަންތީ ތަންޗަންގްޔާ މަރާލާފައިވަނީ ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ބަޑީގެ ހަމަލާތަކެއްގައި، އޭނަގެ އާއިލާގެ މެމްބަރުންގެ ކުރިމަތީގައެވެ.
ހަމަލާ ދިން މީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.
މިހަމަލާ ދީފައިވަނީ އާއިލާއާއިއެކު ބޯޓެއްގައި ދަތުރުކުރަމުން ދަނިކޮށް، ބަޔަކު އައިސް އެ ބޯޓަށް ހުރަސްއެޅުމަށް ފަހުގައި ކަމަށް ޚަބަރު ލިބެއެވެ.
ރަންގަމަތީ ހިލް ޑިސްޓްރިކްޓް ޕޮލީސް ޗީފް އާލަމްގީރު ކަބީރު ވިދާޅުވީ، މިހަމަލާގައި އެއްވެސް އަނިޔާއެއް ނުލިބި އާއިލާގެ މެމްބަރުން ސަލާމަތްވި ނަމަވެސް، ހަމަލާ ދިން މީހުން ވަކިކުރަން އެއިން އެއްވެސް މީހަކަށް ނޭނގުނު ކަމަށެވެ.
އަވާމީ ލީގުގެ ލީޑަރު މަރާލާފައި މިވަނީ، އެކަހެރި ސަރަހައްދެއްގައި ހުރި ވޯޓުލާ މަރުކަޒަކުން ދަތުރުކުރަމުން ދިޔަ އިންތިހާބީ ސެކިއުރިޓީ އޮފިޝަލުންތަކެއްގެ ގަޔަށް ބަޑިޖަހާ 7 އޮފިޝަލެއްގެ ފުރާނަ ދުއްވާލިތާ 1 ދުވަސް ފަހުންނެވެ.
މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.