30 އަހަރު ދުވަސް ވަންދެން ކަޒަކިސްތާނުގައި ވެރިކަން ކުރައްވަމުން ގެންދެވި ނޫރުސުލްތޯން ނަޒަރުބާޔޭފް، އެގައުމުގެ ރިޔާސަތުން ކުށްލި ގޮތަކަށް އިސްތިއުފާ ދެއްވައިފިއެވެ.
އުމުރުފުޅުން 78 އަހަރުގެ ނޫރުސުލްތޯން ނަޒަރުބާޔޭފް ކަޒަކިސްތާނުގެ ރައީސް ކަމުގެ މަގާމުން ކުށްލި ގޮތަކަށް އިސްތިއުފާ ދެއްވާފައި މިވަނީ، އާ ޖީލަކަށް އެގައުމުގެ ވެރިކަން ހަވާލުކުރައްވަން ޖެހޭކަމަށް ވިދާޅުވުމަށް ފަހުގައެވެ.
ރިޔާސީ ދައުރު ހަމަވާން އޮތީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުކަމަށް ވާއިރު، އެ މުއްދަތާއި ޖެހެންދެން އެ މަގާމު ފުރުއްވަމުން ގެންދަވާނީ އަރިސް ބޭފުޅެއް ކަމަށާއި، ނަމަވެސް ސަލާމަތީ މަޖިލީހުގެ އިތުރުން ޕާޓީގެ އިސް މަގާމުތަކުގައި އަދިވެސް ދެމިހުންނަވާނެ ކަންވެސް ނޫރުސުލްތޯން ނަޒަރުބާޔޭފް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަކީ ފަސޭހަފުޅު ނިންމެވުމެއް ނޫން ކަމަށާއި، ނަމަވެސް ދެން ދެމިހުންނަވާނީ އާ ލީޑަރުން ބިނާ ކުރެއްވުމުގެ ޚިދުމަތުގައި ކަމަށްވެސް ނޫރުސުލްތޯން ނަޒަރުބާޔޭފް ވަނީ ވިދާޅުވެފައެވެ.
ނޫރުސުލްތޯން ނަޒަރުބާޔޭފްގެ ރިޔާސީ ދައުރުގެ ބާކީ ބައި ފުރިހަމަ ކުރައްވާނީ، ކަޒަކިސްތާނުގެ ގާނޫނު ހަދާ މަޖިލީގެ މަތިގޭގެ ރައީސް ކާސިމް-ޖުމާތު ތޮކަޔޭފްއެވެ. އުމުރުފުޅުން 65 އަހަރުގެ ތޮކަޔޭފްއަކީ ކަޒަކިސްތާނުގެ ހާރިޖީ ވަޒީރު ކަމާއި ބޮޑުވަޒީރު ކަމުގެ މަގާމުވެސް މީގެ ކުރިން އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.