ގުރްއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެފައިވާ ފޮތުގެ މައްސަލަ ބައްލަލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ޑރ.އައިޝަތު މިހެން ވިދާޅުވެފައި ވަނީ، "ކީރިތި ޤުުރްއާން ކިޔެވުމަށް އެހީއެއް ދަރިވަރުންނަށް ހާއްސަ" މި ފޮތުގައި، ގުރްއާނުގެ ބައެއް އާޔަތްތައް ނުބައި ކޮށް ލިޔެފައިވާ ކަމަށް ވިދާޅުވެ، ދީނީ އިލްމު ވެރިޔާ ޑރ. މުހައްމަދު އިޔާޒް ކުރައްވާފައިވާ ޓްވީޓެއްގެ ޖަވާބުގައެވެ.

މި ފޮތުގައި ހުރި މައްސަލަތައް އެންމެންގެ ސަމާލުކަމަށް ގެންނަވަމުން، ޑރ. އިޔާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ފޮތުގައި ބައެއް އާޔަތްތައް ނުބައިކޮށް ލިޔެވިފައި ހުރި ކަމަށާ، އެހެން ކަމުން ފޮތް ގެންގުޅުއްވުމުގައި ސަމާލު ވެލައްވަން ޖެހޭކަމަށެވެ.

އަދި އެޑިއުކޭޝަން މިނިސްޓްރީ އާ، އެޑިއުކޭޝަން މިނިސްޓަރު ޓެގް ކުރައްވާ އެކަން ބައްލަވާ ދެއްވުމަށް ޑރ.އިޔާޒް ގެ ޓްވީޓް ގައި އެދިވަޑައިގެންފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފޮތަކީ، ގުރްއާން މާއްދާ ކިޔަވައި ދިނުމަށް ބޭނުން ކުރަމުން ގެންދާ ފޮތެކެވެ.