ގއ. ވިލިނގިލީގައި ވައިރަލް ފީވާއެއް ފެތުރެމުން ދާތީ އެރަށުގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުން ދެ ދުވަހަށް މެދުކަނޑާލައިފިއެވެ.

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ތަމްހީދު ތުއްތު "ދަޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސްކޫލް ބަންދުކޮށްފައި ވަނީ ސްކޫލާއި ސަރުކާރުގެ މުވައްސަސާތަކާއި ގުޅިގެން ގޭގެއަށް ޒިޔާރަތްކޮށް ހުން ފެތުރިފައިވާ މިންވަރު ބެލުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގެ މަޝްވަރާގެ މަތިން ކަމަށެވެ.

އަތޮޅު ތައުލީމީ މަރުކަޒަކީ 600 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ ސްކޫލެއް ކަމަށާއި މި ހަފްތާގެ އާދީއްތަ ދުވަހު 180 ދަރިވަރުން އަދި އިއްޔެ 214 ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ކަމަށް ތަމްހީދު ވިދާޅުވިއެވެ.

ގއ އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓާ ޝަމްވީލް މުހައްމަދު "ދަޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދުވަހެއް ދުވަހަކަށް ހުން އަންނަ މީހުން އިތުރު ވަމުންދާތީ ގަވައިދުން ރަށުތެރެ ފޮގް ކުރާތާ ތިން ދުވަސް ވެއްޖެކަމަށެެވެ. އެރަށުގައި ޑެންގޫ ފެތެމުން ދާކަމަށް ދެކެވެމުންދާ ވާހަކަތައް ޝަމްވީލް ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ތަންކޮޅެއް ކުރިން އެރަށުގައި ދެމީހުން ޑެންގޫ އަށް ޕޮޒިޓިވް ވި ނަމަވެސް، މިހާރު ފެތުރެމުންދަނީ ޑެންގޫ ނޫން ކަމަށެވެ. އަދި މިހާރު ފެތުރެމުންދަނީ އަރިދަފުސްރޯގާ އަދި ޗިކަންގުންޔާ ފަދަ ވައިރަލް ފީވާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރަށު ކައުންސިލާއި އަތޮޅު ހޮސްޕިޓަލާއި ރައްޔިތުން ގުޅިގެން ސްކޫލް ގޯތިތެރެ އާއި ރަށުގެ އެކި ސަރަހައްދުތައް ސާފުކުރުމާއި ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާ ކަމަށް އެރަށު ކައުންސިލުގެ ރައީސް މުސްތަފާ މުހައްމަދު ވިދާޅުވިއެވެ.