އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރާ ތިނަދޫ އުތުރު ދާއިރާގެ ކެންޑިޑޭޓް އަބްދުލްމުޣުނީއަށް ކުރި ތާއީދު އެ ޕާޓީން އަނބުރާ ގެންދިއުމުން އެކަން ބަދަލުކުރުމަށް ގޮވާލައި އެމްޑީޕީގެ ތިނަދޫ ގޮފިން ރޭ ގަރާރެއް ފާސްކޮށްފިއެވެ.
އެކަމާ ގުޅިގެން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ އެ ދާއިރާގެ އެއްވެސް ބަހެއް ނެތި މީހަކު ކުރި ޓްވީޓަކަށް ރިއާޔަތްކޮށް މުޣުނީއަށް ކުރި ތާއީދު އަނބުރާ ގެންދިއުމަށް ނިންމާފައިވާ ނިންމުން ކުށްވެރި ކުރާ ކަމަށެވެ.
އެމްޑީޕީ ތިނަދޫ ގޮފީގެ އިސް ފަސް ބޭފުޅަކު ބައިވެރިވި އެ ބައްދަލުވުމުގައި ގަރާރު ފާސްކޮށްފައި ވަނީ ތިން ބޭފުޅުންގެ ތާއީދާ އެކުގައެވެ. އޭގެ ތެރޭގައި ތިނަދޫ އެމްޑީޕީ ދާއިރާ ރައީސް ވެސް ހިމެނެއެވެ.
އެމްޑީޕީން މުޣުނީއަށް ކުރި ތާއީދު އަނބުރާ ގެންދިއުމަށް ނިންމާފައި ވަނީ މުޣުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާ ކުރިކަމަށް ތުހުމަތު ކޮށްފައިވާ ވާކަމަށް ބުނެ އެ އަންހެން މީހާ ކުރި ޓްވީޓަކާ ގުޅިގެންނެވެ.
ނަމަވެސް މުޣުނީ ވަނީ އެއީ ސިޔާސީ ބޭނުމަކަށް އިދިކޮޅު ކެންޑިޑޭޓުން ހިންގާ ޖަރީމާއެއްކަމަށް ބުނެ އެތުހުމަތު ދޮގު ކޮށްފައެވެ. އަދި އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހައްގު ހޯދަން މަސައްކަތް ކުރާނެ ކަމަށް މުޣުނީ ވަނީ ބުނެފައެވެ.