މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ބަލަމުން އަންނަ ބައެއް މައްސަލަތައް ބަލާ ނިމިފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

"ދަޕްރެސް" އަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ ކޮމިޝަނުން ބަލަމުންދާ 24 މައްސަލައިގެ ތެރެއިން ބައެއް މައްސަލަ ނިމި، އެ މައްސަލަތަކުގެ ރިޕޯޓް ވެސް ނިމިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ މައްސަލަތަކުގެ ރިޕޯޓް އާންމު ކުރައްވާނެ ކަމަށާއި، ނަމަވެސް އޭގެ ކުރިން ކުރައްވަން ޖެހޭ ބައެއް ކަންކަން ހުރުމުން އެކަންކަން ފުރިހަމަ ކުރެއްވުމަށްފަހު ރިޕޯޓްތައް އާންމު ކުރައްވާނެ ކަމަަށް ސުއޫދު ވިދާޅުވިއެވެ.

"ބައެއް މައްސަލަތަކުގެ ރިޕޯޓް ނިމި ބައެއް މައްސަލަތަކުގެ ރިޕޯޓް އެކުލަވާލަމުން ދަނީ. ފުދޭވަރަކަށް ގިނަ މައްސަލަ ބެލިއްޖެ. ރިޕޯޓްތައް އަނެއްހެން ނިމިފައިވީ. އަދި އެއްޗެއް ދަންނަވަން ނުކެރެނީ އެ ހުރިހާއެއްޗެއް ބަލާފައި އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ކޮމިޝަނުން ބައެއް ކަންކަން ނިންމަން. އަދި ބައެއް މައްސަލަތަކުގައި އަޅުގަނޑުމެން އެބަޖެހޭ ވިކްޓިމްގެ އާއިލާއަށް ވެސް މައުލޫމާތު ފޯރުކޮށްދޭން. އެގޮތަށް ހުރި ބައެއް އިޖްރާތްތައް ފުރިހަމަ ކުރަންޖެހޭ އަދި" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ކޮމިޝަނުން ބަލާ ގިނަ މައްސަލަތަކެއް ނިމުނު ނަމަވެސް، ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނާއި، މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދާއި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މައްސަލަ ބަލާ ނުނިމޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަތަކުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

"އަދި އެ ތިން މައްސަލައެއް ނުނިމޭ. މައްސަލަތައް ބަލާ ނުނިމި ލަސްވަނީ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ނުނިމިގެން. އެއީ އެންމެ ބޮޑު ގޮންޖެހުމަކީ. އެއީ ލަސްވާ އެއް ސަބަބަކީ" ސުއޫދު ވިދާޅުވިއެވެ.

ކޮމިޝަންގެ މަސައްކަތަށް ބޭރުގެ ތަޖްރިބާކާރުންނާއި ޒަމާނީ ޓެކްނޮލަޖީގެ އެހީވެސް އަންނަނީ ހޯދަމުންނެވެ. ސުއޫދު ވިދާޅުވީ ރާއްޖެއިން ބޭރަށާއި، އެކި ތަންތަނަށް ފޮނުއްވަމުން ގެންދަވާ ވީޑިއޯ އަދި އެފަދަ އެއްޗެހިތައް އަދިވެސް ފޮނުއްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ތަކެތީގެ ނަތީޖާތައް ލިބެމުން އަންނަ ކަމަށާއި، މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ކޮމިޝަންގެ މަސައްކަތްތުގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯއްދަވުމުން އަންނަ އިރު، އެފަރާތްތަކާއެކު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް އުފެއްދެވީ ރިޔާސީ ކޮމިޝަނަކީ، ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދެވި ކޮމިޓީއެކެވެ. މި ކޮމިޓީން އަންނަނީ ޖުމްލަ 24 މައްސަލައެއް ބަލަމުންނެވެ.

ކޮމިޝަނަށް ބާރު ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް މިހާތަނަށް ނިމިފައި ނުވާއިރު، ތިން ފަހަރެއްގެ މަތިން އެ ބިލު މަޖިލީހުގެ ތަޅުމަށް ހުށަހެޅި މެންބަރުން ހަމަ ނުވެގެން ވޯޓަށް ނާހައެވެ. އަދި އެންމެ ފަހުން އެ ބިލް އެޖެންޑާ ކުރެވުނު ދުވަހު ބިލުގައި ކޮމިޓީން ފާސް ނުކުރާ ކަންކަން ހުރި ކަމަށް ބުނެ އަލުން ބިލު ވަނީ ކޮމިޓީއަށް ފޮނުވާފައެވެ.