ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާންގެ ކެމްޕޭން ރެލީތަކުގައި، މާޗް މަހުގެ 15 ވަނަ ދުވަހު ނިއުޒީލަންޑްގެ ކްރިސްޓްޗާޗުގެ ދެ މިސްކިތަކަށް ބަޑީގެ ހަމަލާތަކެއްދީ 50 މީހުންގެ ފުރާނަ ދުއްވާލި ވީޑިއޯތައް ބޭނުންކުރަމުންދާކަން ފާހަގަކޮށް، އުރުދުޣާންއަށް ފާޑުކިއުންތައް އަމާޒުވެއްޖެއެވެ.
ފާޑުކިއާ ފަރާތްތަކުން ބުނީ، ކެމްޕޭން ރެލީތަކުގައި، އުމުރުން 28 އަހަރުގެ ބްރެންޓޮން ޓެރަންޓްގެ ވީޑީއޯ ބޭނުންކުރަމުންދަނީ އުރުދުޣާންއަށް ތާއީދު ހޯދުވުމުގެ މަގުސަދުގައެވެ.
އުރުދުޣާން ވިދާޅުވީ، ޓެރަންޓްގެ މެނިފެސްޓޯގައިވާ އެއް ކަމަކީ ތުރުކީވިލާތުގެ މީހުން ވިލާތުން ބޭރުގައި ބޭތިއްބުން ކަމަށެވެ.
ކަންމިހެން އޮތްއިރު، ނިއުޒީލަންޑްގެ ހާރިޖީ ވަޒީރު ވިންސްޓަން ޕީޓާޒް ވިދާޅުވީ، މި ވިޑީއޯ މިފަދަ ގޮތަކަށް ބޭނުންކުރުމަކީ އެއްވެސް އިންސާފެއް އެކަމުގައި އޮތް ކަމެއް ނޫންކަމަށާ، މިއީ ނިއުޒީލަންޑުން ބޭރުގައި ތިބި އެގައުމުގެ ރައްޔިތުންގެ ފުރާނައަށް ކުރިމަތިވާ ނުރައްކަލެއް ކަމަށެވެ. އަދި މިއަމަލަކީ ނިއުޒީލަންޑްގެ މީހަކު ހިންގި އަމަލަކަށް ނުވާއިރު، ނިއުޒީލަންޑްގެ ނަން ބަޔާންކޮށް އެ ވީޑިއޯ ދެއްކުމުގައި ނުރައްކާތަކެއް ހުރިކަންވެސް ނިއުޒީލަންޑްގެ ހާރިޖީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މިވީޑިއޯ ހިއްސާކުރަމީ ކުށެއް ކަމުގައި ނިއުޒީލަންޑްގައި މިހާރު ވަނީ ކަނޑައަޅާފައެވެ.
ދިފާއުގައި އުރުދުޣާން ވިދާޅުވީ، ޓެރަންޓަކީ ދެ ފަހަރެއްގެ މަތިން ތުރުކީވިލާތަށް އެތެރެވި މީހެއް ކަމަށާއި، ތުރުކީވިލާތުގެ ވިލާތާއި ވީ ފަޅީގައި ދިރިއުޅެމުންދާ މުސްލިމުން އެ ސަރަހައްދުން ބާލާ ހުސްކުރުމަށް ޓެރަންޓް މަސައްކަތްކުރާ ކަމަށެވެ.
ފޭސްބުކްލައިވް މެދުވެރިކޮށް ހަމަލާގެ މަންޒަރުތައް ދުނިޔެއަށް ބްރޯޑްކާސްޓް ކުރިއިރު ގިނަ ބަޔަކު ވަނީ އެ ވީޑިއޯ ޑައުންލޯޑްކޮށްފައެވެ. ސޯޝަލް މީޑިއާ ކުންފުނިތަކުން، އެވީޑީއޯ ނެގުމަށް ކުރަމުންދާ މަސައްކަތްތަކަށް އަދި މުޅިން ކާމިޔާބު ލިބޭ ގޮތެއް ނުވެއެވެ. ފޭސްބުކްއިން ބުނީ، މި ވީޑިއޯ އާންމުވި ފުރަތަމަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 1.5 މިލިއަން ކޮޕީ ނައްތާލާފައިވާނެކަމަށެވެ.
މިހިނގާ މާޗްމަހަކީ ތުރުކީވިލާތުގައި ލޯކަލް އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަހެވެ.