ޗައިނާގެ ޝީންޖިއާންގް ސަރަހައްދުން 13000 އެއްހާ "ޓެރަރިސްޓުން" ހައްޔަރުކޮށް، ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ޗައިނާ ސަރުކާރުން ބުނެފިއެވެ.

ޝީންޖިއާންގް ސަރަހައްދަކީ، ޗައިނާގައި ދިރިއުޅޭ މުސްލިމުންގެ އަދަދު އެންމެ ގިނަ ސަރަހައްދަށް ވާއިރު، ޝީންޖިއާންގް ސަރަހައްދުގައި ދިރިއުޅެމުންދާ މުސްލިމުންނާ ދެކޮޅަށް ޗައިނާގެ ސަރުކާރުން ހިންގަމުންދާ ވަރުގަދަ އޮޕަރޭޝަންތަކާއި ގުޅިގެން ބައިނަލްއަގުވާމީ ފެންވަރެއްގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައިއެވެ.

ހައްދުފަހަނައަޅާ ދިއުމާއި ދެކޮޅަށް ކަމަށް ބުނެ ޗައިނާއިން ހިންގާ އޮޕަރޭޝަންގައި މިލިއަނަކަށްވުރެ ގިނަ މުސްލިމުން، ކޭމްޕުތަކެއްގައި ބަންދުކޮށްފައިވާ ކަމުގެ ޚަބަރުތަކެއްވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ މީޑިއާއަށް ތިލަވެފައެވެ.

ކަންމިހެންއޮތްއިރު ޕާކިސްތާނާއި އެނޫންވެސް އިސްލާމީ ގައުމުތަކުގައި ޗައިނާކުރަމުންދާ "ބިޔަ" އިންވެސްޓްމަންޓްތަކަކީ، މިމައްސަލާގައި އިސްލާމީ ދުނިޔެ ހަނުހިމޭންކޮށްލުމަށް ޗައިނާ ގެންގުޅޭ އުކުޅެއް ކަމަށް ބުނެ ޗައިނާއަށް އަމާޒުކުރަމުންދާ ފާޑުކިއުންތަކަށްވެސް ޗައިނާއިންވަނީ އިންކާރުކޮށްފައެވެ.

ޗައިނާގެ ސިޔާސަތުތައް ބަޔާންކޮށް އަންމުކުރަމުންދާ 'ވައިޓްޕޭޕަރެއް'ގައި ތަފްސީލުކޮށްދީފައިވާ ގޮތުގައި، ޝީންޖިއާންގްގައި ހަރަކާތްތެރިވަމުންދިޔަ ނުރައްކާތެރި ޓެރަރިސްޓުންގެ 1588 ގޭންގެއް ރޫޅާލާ، 12995 ޓެރަރިސްޓުން ހައްޔަރުކޮށްފައިވާއިރު، 2052 ގޮވާތަކެތި ވަނީ އަތުލާގެންފައެވެ. މީގެ އިތުރުން ދީނާ ނުޚާލިގު 4858 އަމަލެއް ހިންގި ކަމުގެ ކުށުގައި 30645 މީހަކަށް އަދަބު ދީފައިވާނެކަމަށާ، ދީނާ ނުޚާލިގު 345229 ލިޔުމެއްގެ ކޮޕީވެސް އަތުލާފައިވާނެކަމަށް ޗައިނާގެ ވައިޓްޕޭޕަރުތަކުގައިވަނީ ބަޔާންކޮށްފައެވެ.

ކަންމިހެންއޮތްއިރު، ކޮމިއުނިސްޓް ޗައިނާގައި އިސްލާމް ދީނުގެ ފަރުޟު ރުކުންތައް އަދާކުރުން އޮންނަނީ މަނާކޮށްފައެވެ. ދީނީ އަޅުކަމެއް ކުރާތީ ފެނިއްޖެނަމަ އެމީހަކަށް ބޮޑެތި އަދަބުތައް ދޭއިރު، އައުރަނިވާކުރުމާއި ތުނބުޅި ބެހެއްޓުން ފަދަ ކަންކަމަކީވެސް ޗައިނާގައި މަނާކަމެކެވެ. މީގެ އިތުރުން އިސްލާމީ ތައުލީމު ފޯރުކޮށްދޭ ތަންތަން ބަންދުކޮށްފައިވާއިރު، ނަމާދުކުރުމަށްވެސް ހުރަސް އަޅާކަމުގެ ޚަބަރުތަކެއް ވަނީ ފެންމަތިވެފައެވެ.

ޗައިނާއިން ބުނަމުންދަނީ އެގައުމުގައި ތަންފީޒުކުރަމުންދާ ސިޔާސަތުތަކަކީ ޓެރަރިޒަމްއާއި ދެކޮޅަށް ހިންގާ ސިޔާސަތުތަކެއް ކަމަށެވެ. ނަމަވެސް މިއީ ޗައިނާއިން އިސްލާމުންނާއި ދެކޮޅަށް ފަށާފައިވާ ކެމްޕޭނެއް ކަމަށް، ޗައިނާއިން ހިންގާ ކޭމްޕުތަކުން ފިލައިގެން ސަލާމަތްވި މީހުން ދަނީ ބުނަމުންނެވެ.

ދީނީ މިނިވަންކަމާއި ބެހޭ އދގެ އޮފިޝަލުވެސް ވަނީ ޗައިނާގެ ޝީންޖިއާންގްއަށް ޒިޔާރަތްކުރެއްވުމުގެ ހުއްދައަކަށް އެދިވަޑައިގެންފައެވެ. ނަމަވެސް ބޭރުގެ އޮފިޝަލެއްގެ އިތުރުން މީޑިއާއަށްވެސް އެސަރަހައްދުގައި ހަރަކާތްތެރިވުމުގެ ހުއްދައެއް ޗައިނާއިން ދީފައެއް ނުވެއެވެ.